13 Apr 2016, 20:16
ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އިންދޭ އިންޑިއާ ކަނޑުގެ ލީޑިން ފެމެލީ ރިސޯޓުގެ އެވޯޑާއި ރާއްޖޭގެ ލީޑިން ފެމެލީ ރިސޯޓުގެ އެވޯޑް ސަން ސިޔާމް އިރު ފުއްޓަށް ލިބިއްޖެ އެވެ.
ތަންޒޭނިއާގެ ސިޓީއެއް ކަމަށްވާ ޒަންޒިބާރު ސިޓީގައި މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތުގައި، ނ. އަތޮޅުގައި އޮންނަ ހިތްގައިމު އެ ރިސޯޓަށް ލިބުނު އެ އެވޯޑްތަކާ ހަވާލުވެއްލެއްވީ ސަން ސިޔާމް އިރުފުށި މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ތަމްހީދެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް އިން ރާއްޖޭގެ ސަން ސިޔާމް އިރު ފުއްޓަށް ލިބުނު އެވޯޑާއެކު އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ތަމްހީދު (ވ) ---
ޖެނެރަލް މެނޭޖަރު ތަމްހީދު ވިދާޅުވީ، ޑަބްލިއުޓީއޭ އިން ލިބުނު އެވޯޑްތަކުން ދައްކުވައިދެނީ އެ ރިސޯޓަށް ޒިޔާރަތްކުރާ ގެސްޓުންނާއި ކަސްޓަމަރުންނަށް ރިސޯޓުންދޭ ހިދުމަތުގެ ފެންވަރު ކަމަށެވެ. އަދި އެ އެވޯޑްތަކުގެ ސަބަބުން ޕްރޮފެޝަނަލް ކަމާއެކު އެންމެ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ކުރިއަށްއޮތްތަނުގައި ވެސް ރިސޯޓުން ދިނުމަށް އާ ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް ގައި ފަތުރުވެރިންގެ މަގްބޫލު މަންޒިލްތަކާ ވާދަކޮށް ރާއްޖެއަށް ވަނީ 16 އެވޯޑެއް ލިބިފައެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް އިން ރާއްޖޭގެ ސަން ސިޔާމް އިރު ފުއްޓަށް ލިބުނު އެވޯޑްތަކާއެކު އެ ރިސޯޓުގެ ބައެއް މުވައްޒަފުން ---
މީގެ 23 އަހަރު ކުރިން، 1993 ވަނަ އަހަރު ދޭންފެށި ވޯލްޑް ޓްރެވަލް އެވޯޑްސް އަށް "އިންޑިއާ ކަނޑުގެ ސަރަހައްދު" މި ކެޓަގަރީ އިތުރުކޮށްފައި ވަނީ 2003 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ވެސް ރާއްޖެއިން އަންނަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދަމުންނެވެ.