14 Apr 2016, 09:15
އެލީނާ ގްރިފްލިން އަކީ ސެން ފްރެސިސްކޯ ބޭ އޭރިއާގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރަމުން އަންނަ އުމުރުން 90 އަހަރުގެ އަންހެނެކެވެ. ވަޒީފާގައި މިހާރު 70 އަހަރުވެފައިވާ އިރު، ހޮސްޕިޓަލުގެ އެކި މަގާމު އޭނާ އަދާކުރަނީ އުފަލާއެކުގަ އެވެ. އެހެންކަމުން ވަޒީފާ އިން ރިޓަޔާ ވުމުގެ ވިސްނުމެއް ވެސް އޭނާގެ ނެތެވެ.
ސަޓާ ހެލްތު އަލްޓާ ބޭޓްސް ސަމިޓް މެޑިކަލް ސެންޓަރުން ދާދި ފަހުން ވަނީ، އެލީނާ ގްރިފްލިން އެ ހޮސްޕިޓަލަށް ކޮށްދީފައިވާ މަސައްކަތުގެ އަގުވަޒަންކޮށްފަ އެވެ. ނަމަވެސް ގްރިފްލިން ބުނާ ގޮތުން، އޭނާ މަސައްކަތުގައި ހޭދަކުރާ ކޮންމެ ދުވަހަކީ ވެސް ފާހަގަކުރާ މުހިއްމު ދުވަހަކެވެ.
"މިއީ އަހަރެންގެ ހޮސްޕިޓަލް. ކޮންމެ ދުވަހަކު ވަޒީފާ އަށް އަންނަން އަހަރެން ހުންނަނީ ކެތްމަދުވެފައި. މި ހިދުމަތުގައި ހުރުމަށް ކޮންމެ ކަމެއް ކުރަން ޖެހުނަސް ވަރަށް އުފާވޭ. ތެދަށް ބުނާ ނަމަ، ކެތްތެރިކަމަކީ ހުރިހާ ވެސް އެއްޗަކީ. މީހަކަށް އެހީވާ ނަމަ އެއީ އަހަރެންގެ އުފާ،" ގްރިފްލިން ބުންޏެވެ.
އެލީނާ ގްރިފްލިން، އޭނާ މަސައްކަތްކުރާ ހޮސްޕިޓަލުގައި ---
އެއީ ދޮގެއް ނޫނެވެ. ވަޒީފާގައި މިހާތަނަށް ގްރިފްލިން ހޭދަކޮށްފައިވާ 70 އަހަރުގެ ތެރޭގައި ބަލިވެގެން އޭނާ ނަގާފައި ވަނީ އެންމެ ހަތަރު ސަލާމެވެ.
މިވަރަކުން އޭނާ ވަޒީފާދެކެވާ ލޯބި ނިމުނީކީ ނޫނެވެ. މީގެ 15 އަހަރުކުރިން އެޕެންޑިކްސްގެ އޮޕަރޭޝަނެއް ކުރުމަށް ފަހު، ޖެހިގެން އައި ދުވަހު ބާއްވާފައި އޮތް ކޮޓަރިން ނުކުމެގެން ގްރިފްލިން ވަނީ ވަޒީފާ އަށް ނުކުމެފަ އެވެ. ނަމަވެސް، ޑޮކްޓަރުންނަށް އެކަން އެނގިގެން އޭނާ ވަނީ ގަދަކަމުން ގެއަށް ފޮނުވާލާފަ އެވެ.
ގްރިފްލިން އޭނާ މަސައްކަތްކުރަމުންދާ ހޮސްޕިޓަލަށް ވަޒީފާ އަށް ނުކުމެފައި ވަނީ އުމުރުން އެންމެ 20 އަހަރުގައި 1946 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އެވެ.

އެލީނާ ގްރިފްލިން، އޭނާ ވަޒީފާ އަދާކުރާ ހޮސްޕިޓަލުގައި މަސައްކަތްކުރާތާ މިހާރު 70 އަހަރުވެއްޖެ ---
އޭރު އޭނާ މަސައްކަތްކުރަމުން އައީ ހޮސްޕިޓަލުގެ ފައުންޑާ، އަލްޓާ އެލީސް މައިނާ ބޭޓްސް އާއެކުގަ އެވެ. މަސައްކަތްކުރަން ފެށީ ހޮސްޕިޓަލުގެ ލެބޯޓަރީގަ އެވެ. އޭގެ ފަހުން އޭނާ ވަނީ 10 އަހަރު އެންޑޯކުރައިނޮލޮޖިސްޓަކާ އެކު މަސައްކަތްކޮށް، 22 އަހަރު ހޮސްޕިޓަލުގެ ބާން ސެންޓަރުގައި މަސައްކަތްކޮށްފަ އެވެ.
"މިތަނުން ނަގާ އެއްލާލަންދެން، ނޫނީ ފޮއްޓަކަށް (ސަންދޯކަށް) ލައިގެން ނެރެންދެން މިތަނުގައި މަސައްކަތްކުރާނަން،" މިއީ ގްރިފްލިން ބުނެލި ބަސްކޮޅެކެވެ.
މައުލޫމާތު: އޭޕީ