އޮޑިޓާ ޖެނެރަލް ކަމުގެ މަގާމަށް ގދ. ތިނަދޫ ބްރޫމް ނިޔާޒް އިބްރާހީމް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ނިޔާޒް އިބްރާހީމް، އޮޑިޓާ ޖެނެރަލްކަމުގެ މަގާމަށް އައްޔަން ކުރައްވައި، އެކަމުގެ ލިޔުން ހަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނިޔާޒް އިބްރާހީމަކީ އޮޑިޓާ ޖެނެރަލް ކަމުގެ މަގާމަށް ގާބިލް އަދި އެކަށީގެންވާ ބޭފުޅެއް ކަމުގައި ވިދާޅުވި އެވެ.

ޤާނޫނު އަސާސީ އަށް ގެނެވުނު އިސްލާހްތަކާ އެކު މުސްތަޤިއްލު މުއައްސަސާތަކެއް އުފެދިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި އެ މުއައްސަސާތައް ރަނގަޅަށް މަސައްކަތް ކުރީމާ ނޫނީ، އަޅުގަނޑުމެން އެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ނުލިބޭނެ ކަމުގައި ވިދާޅުވި އެވެ.

ސަރުކާރުގެ ބޭނުމަކީ، އޮޑިޓާ ޖެނެރަލް، ސަރުކާރުގެ ހުރިހާ ފައިސާ އާއި އެހެން މުއައްސަސާތަކުގެ ފައިސާ އާއި އަދި ދައުލަތުގެ އެންމެހާ މުއްސަނދިކަން ރިވެތި ގޮތުގައި އޮޑިޓް ކޮށްދެއްވަމުން ގެންދަވައި ދައުލަތުގެ ފައިސާ ރަނގަޅަށް ބަލަހައްޓަވައި ދެއްވުން ކަމުގައި ވިދާޅުވި އެވެ.

ނިޔާޒް އިބްރާހީމަށް މަގާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ކުރިން، އެ މަނިކުފާނު އޮޑިޓާ ޖެނެރަލް ކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި ކުރެއްވި އެވެ. ހުވާ ކުރެއްވުމަށް ފަހު، އޮޑިޓަރު ޖެނެރަލްކަމުގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވި އެވެ.