ޝީޝާގެ 28 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިޔަށް ގެންދިޔަ ޚާއްސަ ޕްރޮމޯޝަނުގެ ދަށުން ދޭ އިނާމު، ހޮންޑާ ސީބީ 125 މަރުކާގެ ސައިކަލު ލިބޭ ނަސީބުވެރިޔާ ހޮވައިފި އެވެ.

ޝީޝާ ޝޯރޫމުގައި މިއަދު ކުރިޔަށް ދިޔަ ރަސްމިއްޔާތުގައި، ހޮންޑާ ސައިކަލު ލިބޭ ފަރާތަކަށް ހޮވުނީ މިލްހާ ކިޔާ އަންހެން ބޭފުޅެކެވެ. އެބޭފުޅާއަށް މި ސައިކަލު ލިބިވަޑައިގަތީ، ޝީޝާއިން ވިޔަފާރި ކުރައްވައިގެންނެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝީޝާގެ ހެޑް އޮފް މާކެޓިންގް ފާތިމަތު ޖުމާން ވިދާޅުވީ، ޝީޝާގެ 28 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކުރިޔަށް ގެންދިޔަ ޕްރޮމޯޝަނު ދެ މަސް ދުވަހަށް ދިޔަ ކަމަށެވެ. މި ޕްރޮމޯޝަން ކުރިޔަށް ދިޔައީ 23 ޖަނަވަރީ ވަނަ ދުވަހުން ފެށިގެން 31 މާރިޗުގެ ނިޔަލަށެވެ.

ޝީޝާގެ ހެޑް އޮފް މާކެޓިންގް ފާތިމަތު ޖުމާން -- ސަން ފޮޓޯ

މި ޕްރޮމޯޝަން ކުރިޔަށް ގެންދިޔައީ ބައިވެރިވާން އެދޭ ވީހާވެސް ގިނަ ބަޔަކަށް އެ ފުރުސަތު ހުޅުވާލައިގެންނެވެ. އެގޮތުން، ޝީޝާއިން ވިޔަފާރި ކުރާ ފަރާތްތަކާޢި ސައިކަލަށް ސާވިސް ހޯދާ ފަރާތްތަކުން އިތުރުން ޝީޝާއިން ދޫކުރި ސާވޭ ފޯމެއް ފުރައިގެން ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ކޫޕަން ދޫކުރި އެވެ.

ޖުމާން ވިދާޅުވީ، އަހަރީ ދުވަހުގެ ޕްރޮމޯޝަނު ކަމުން ސައިކަލާޢި ޚިދުމަތްތަކުން ބޮޑެތި އަދަދުން ޑިސްކައުންޓް ވެސް ދެވުނު ކަމަށެވެ. އަދި ވަރަށް ގިނަ ބައެއްގެ ތަރުހީބު މި ޕްރޮމޯޝަނަށް ލިބުނު ކަމަށާއި، ގިނަ އަދަދެއްގެ ކަސްޓަމަރުންނަށް ޑިސްކައުންޓް ދެވިފައިވާ އިރު، 2،000 އަށް ވުރެ ގިނަ ސާވޭ ފޯމު ވެސް ދޫކުރެވުނު ކަމަށް ޖުމާން ވިދާޅުވި އެވެ.