13 Apr 2016, 16:08
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު"ގައި ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދިނުމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ.
އަބުރުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު "ސަން"އަށް މިއަދު ވިދާޅުވީ މިވަގުތު ނޫސްވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިމަނައިގެން، ރާއްޖޭގެ 11 މީޑިއާ ގްރޫޕަކުން 183 ނޫސްވެރިން ސޮއިކޮށްފައިވާ ޕެޓިޝަނު ރައީސް ޔާމީނަށް ފެނިވަޑައިގެންފައިވާ ކަމަށެވެ.
"ކަންކަމުގައި އެދެވޭ ނަތީޖާއެއް ހާސިލުވާނީ އޮންނަ ގިއުގަނޑުގެ ތެރޭގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ލިބޭ ކަމުގައިވާނަމަ. މިސާލަކަށް މިއީ އޭގެ އެއް ނަމޫނާ،" ނިހާނު ވިދާޅުވި އެވެ.
ނިހާނު ވިދާޅުވީ ބިލެއް ޑްރާފްޓުކޮށްގެން މަޖިލީހަށް ވެއްދުމަށްފަހު އެ ބިލު އޮތް ގޮތަށް ފާސްކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެހެންކަމުން ނިހާނު ވިދާޅުވީ އޭނާ އަމިއްލަ އަށް މަޖިލީހަށް ހުށަހެޅި އަބުރާ ބެހުމުގެ ބިލަކީ "އެއްވަނައިގެ ބިލެއް" ކަމަށް ވިދާޅެއް ނުވާނެ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ބިލު ހުށަހަޅުއްވަމުން ވެސް އެހެންޏާ ކަން ނުކުރާ ގޮތަށް ބިލު މީޑިއާއާ ހިއްސާކޮށްލީ. އަޅުގަނޑު ބިލު މަޖިލީހަށް ވެއްދި މެމްބަރު ސީދާ އާއްމު މީޑިއާތަކަށް އެ ބިލު ދިނީވެސް. އެކަމަކު އަޅުގަނޑު އެގޮތަށް އެކަން ކުރީ މީޑިއާއާ ގުޅުން ހުރި ކަންތައްތައް އެ ބިލުގައި ހުރީމަ،" ނިހާނު ވިދާޅުވި އެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާނު ވިދާޅުވީ ޑިމޮކްރަސީއަށް ފަހިވަމުން އަންނަ ގައުމަކަށް ނޫސްވެރިކަމަކީ ކޮންމެހެން އޮންނަންޖެހޭ އަސާސީ ބާރެއް ކަމަށެވެ.
"އެ ބިލުގެ މަސައްކަތް ދެން ހިނގައިގަންނާނީ ނޫސްވެރިން އެދިވަޑައިގެންނެވި ގޮތަށް 'ޓޯންޑައުން' ކުރައްވަން އޮތް އެންމެ މައްޗަކަށް ކޮށްފަ،" ނިހާނު ވިދާޅުވި އެވެ.