އައްޑޫ ސިޓީގައި ކުރިއަށް ދިޔަ 17 ވަނަ ސާރކް ސަމިޓުގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވާ "އެގްރީމަންޓް އޮން އެސްޓެބްލިޝިން ދަ ސާކް ސީޑް ބޭންކް" އެގްރީމެންޓުގައި ރާއްޖެ އިން އަމަލު ކުރަން ފެންނަ ކަމަށް ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.

އިއްޔެ ބޭއްވި ގައުމީ ސަލާމަތު ކޮމެޓީން އެގޮތަށް ނިންމީ އެވަގުތު ކޮމެޓީ އަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

ސާކް ސީޑް ބޭންކް އެގްރީމަންޓް ރާއްޖެއިން ތަސްދީގުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެ، އެކަމާ މެދު ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތެއް ނިންމަވައިދެއްވުމަށް ރައީސް އަބްދުﷲ ޔާމީން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ސިޓީފުޅެއް ފޮނުއްވާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.

އެ އެގްރީމަންޓަކީ ސާކުގެ ގައުމުތަކުގައި ދަނޑުވެރިކަން އިތުރުކޮށް، ދަނޑުވެރިކަން ކުރުމުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށް، އުފައްދާ ކާނާގެ ފެންވަރު ރަނގަޅު ކުރުމަށް ސަރަހައްދީ ލީޑަރުން ސޮއިކޮށްފައިވާ އެގްރީމަންޓެކެވެ.

ގާނޫނު އަސާސީގެ 93 ވަނަ މާއްދާގައި ބުނެފައި ވަނީ ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލު ކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުން ފާސްކުރުމަށް ފަހު އަދި އެ މުއާހަދާއަކާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ނިންމެވުމުން ކަމަށެވެ.