އޯޓިޒަމް އެވެއާނަސް މަހާއި ދިމާކޮށް، ޑީޓިއުން ބޭންޑުން ހެދި އޯޓިޒަމް އެވެއާނަސް ސޯންގް އަށް 1،000 ލައިކު ފޭސްބުކުން ލިބުމާ އެކު، އިމާދުއްދީން ސްކޫލުގެ ޖުވެލް ސެންޓަރަށް ދިރާގުން ހަދިޔާ ކުރަން ވައުދުވި 10،000 ރުފިޔާ އެ ސެންޓަރާ ހަވާލު ކޮށްފި އެވެ.

އޯޓިޒަމް އެވެއާނަސް މަހާ ގުޅިގެން ޑީޓިއުން ބޭންޑުން ހެދި އޯޓިޒަމް އެވެއާނަސް ލަވަ ފޭސްބުކްގައި ޝެއާކޮށް، 1،000 ލައިކު ހޯދުމަށް ދިރާގުން ކުރި ކެމްޕޭނަށް ގިނަ ބައެއްގެ ސަޕޯޓު އެއްބާރުލުމާއި ސަޕޯޓު ލިބިފައިވެ އެވެ. އެގޮތުން، ދިރާގުން ލަވަ ޕޯސްޓު ކުރިތާ ހަ ގަޑިއިރު ތެރޭގައި އެ ލަވައަށް ވަނީ ޓާގެޓު ކުރި އަދަދަށް ލައިކު ލިބިފަ އެވެ.

ދިރާގުން ވި ވައުދާ އެއްގޮތަށް، 1،000 ލައިކު ޑިޓިއުން ބޭންޑުގެ ލަވައަށް ލިބުމުން ވަނީ 10،000 ރުފިޔާ މިއަދު އިމާދުއްދީން ސްކޫލާ ހަވާލު ކޮށްފަ އެވެ.

އެ ހަފްލާގައި ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވީ ދިރާގަކީ ޒުވާނުން އިސްނަގައިގެން ކުރާ މިފަދަ ކަންކަމުގައި އަބަދުވެސް ބައިވެރިވެ އެހީވާން ތައްޔާރަށް އޮތް ކުންފުންޏެއް ކަމަށާއި، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމަކީ ދިރާގުގެ އިޖްތިމާޢީ ޒިންމާގެ ދަށުން އަބަދު ވެސް ވަރަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ދާއިރާއެއް ކަމަށެވެ.

"އޯޓިޒަމް ހުންނަ ކުދިންނާ ބެހޭ ގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމުގައި ޑީޓިއުން ފަދަ ޒުވާން ފަންނާނުންތަކަކާ އެކު ހިންގުނު މި ހަރަކާތުގައި ދިރާގު ބައިވެރިވެވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް،"

ޑިޓިއުން ބޭންޑުގެ މެމްބަރު ފާތިމަތު ފެޒްލީން (ފެޒޫ) ބުނީ، އެ ބޭންޑުން ބޭނުންވީ އެ ބޭންޑުގެ މަސައްކަތުގެ ތެރެއިން މުޖުތަމައު ހޭލުންތެރި ކުރުވުމަށް، އެބޭންޑުން ހެދި އޯޓިޒަމް ލަވައަށް ބޮޑު މަގުބޫލުކަމެއް ލިބުނީ ގިނަ ބައެއްގެ މަސައްކަތުން ކަމަށާއި، އެކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

އިމާދުއްދީންގެ ޖުވެލް ސެންޓަރަކީ 2004 ވަނަ އަހަރުން ފެށިގެން އެ ސްކޫލުގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ހާއްސަ ޔުނިޓެވެ. އަދި އެއީ އެފަދަ ކުދިންގެ އެންމެ ބޮޑު އާބާދީއެއް ތައުލީމް ހާސިލް ކުރަމުން އަންނަ ތަނެވެ.