13 Apr 2016, 14:59
ސަންގު ޓީވީ އިން "ސަންގު ބަހުސް"ގެ ނަމުގައި ގެނެސްދޭ ސިޔާސީ ބަހުސް ޕްރޮގްރާމް މުޖުތަމައުގެ އަހުލާގީ މިންގަނޑާ ހިލާފު ނުވާގޮތަށް ބްރޯޑްކާސްޓު ކުރުމަށް ސެވަން މީޑިއާ ޕްރައިވެޓް ލިމިޓެޑަށް ބްރޯޑްކާސްޓިންގް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން އަންގައިފި އެވެ.
ހުސްވި ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު ގެނެސްދިން ސިޔާސީ ބަހުސް ޕްރޮގްރާމުގައި، ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވެފައިވާ ކަމަށް ނިންމައި، އެ ކޮމިޝަނުން ވަނީ އެ މީޑިއާއަށް ސިޓީއެއް ފޮނުވައިފަ އެވެ.
އިއްޔެ އެ މީޑިއާގެ ސީއީއޯއަށް ބްރޯޑްކޮމް އިން ފޮނުވި ސިޓީގައި ވަނީ ސަންގު ޓީވީ އިން ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު ބްރޯޑްކާސްޓު ކުރި ކޮންޓެންޓުގައި މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތައް ހިފެހެއްޓިފައި ނުވާކަމަށް ބެލެވޭ ކަމަށެވެ.
އަދި އެ ޕްރޮގްރާމުގައި އިޖުތިމާއި މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ބްރޯޑްކާސްޓު ކޮށްފައިވާ ކަމަށް ފެންނާތީ، އެއީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތަށް ބްރޯޑްކާސްޓް ކުރުމަށް ވަނީ އަންގާފަ އެވެ.
ބްރޯޑްކޮމްގެ ނިންމުމާ ދެކޮޅަށް ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅުމުގެ ހައްގު އެ މީޑިއާއަށް ލިބިގެންވާކަމަށް ވެސް ސިޓީގައި ވަނީ ބުނެފަ އެވެ.
ސަންގު ޓީވީ އިން އިޖުތިމާއީ މިންގަނޑާ ހިލާފު ކޮންޓެންޓު ބްރޯޑްކާސްޓު ކުރިކަމަށް ބްރޯޑްކޮމް އިން ބުނި އިރު، މީގެ ކުރިން އިސްލާމިކް މިނިސްޓްރީ އިން ވަނީ އެ ޓީވީ އިން "ސިހުރުފަންޑިތަ"ގެ ނަމުގައި ގެނެސްދޭ ޕްރޮގްރާމް، ހުއްޓާލަން ވެސް އަންގައިފަ އެވެ. އެ ޕްރޮގްރާމް ހުއްޓާލުމަށް އެންގީ އެ ޕްރޮގްރާމްގައި ހިމެނޭ މައުލޫމާތާއި ބެކްގްރައުންޑް މަންޒަރުތަކުން މުޖުތަމައުގެ އެއްބައިވަންތަކަމާއި ދީނީ ވަހުދަތަށް އަސަރުކުރާ ކަމަށް ބުނެ އެވެ.