ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއަށް ރިޕޯޓު ކުރަން ނުޖެހޭ، އިންސާނީ ހައްގުތަކާ ބެހޭ މިނިވަން މުއައްސަސާއެއް އެޖަމިއްޔާ އިން އުފެއްދުމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ޖަލުގައި ހުންނެވުމަށް ފަހު ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގެން ހުންނަވައި، ކޮމަންވެލްތުން ޖާނަލިސްޓްސް އެސޯސިއޭޝަން ކޮންފެރެންސްގައި ތަގުރީރު ކުރައްވަމުން، ރައީސް ނަޝީދު ވިދާޅުވީ ކޮމަންވެލްތަކީ މެމްބަރު ގައުމުތަކެއްގެ އަމިއްލަ ކްލަބެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށާއި، ހުދުމުޚްތާރު ސަރުކާރުތަކުން ވާގިވެރިވުމަށް ފުރުސަތުދޭ ޖަމިއްޔާއަކަށް ކޮމަންވެލްތު ވެގެން ނުވާނެ ކަމަށެވެ.

"ހަމައެކަނި ވަގުތީ މަސްލަހަތު ރައްކާތެރި ކުރާ ތަނަކަށް ކޮމަންވެލްތު ވެގެން ނުވާނެ. ކޮމަންވެލްތުން އެބަ ޖެހޭ މެމްބަރު ގައުމުތަކުގެ ކުރީގެ ސަރުކާރުތަކާއި ރައްޔިތުންނާއި އަދި ހަތަރު ވަނަ ބާރު ކަމުގައިވާ މީޑިއާއާ ވެސް ވާހަކަ ދައްކަން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިކަން ވާނީ ކޮމަންވެލްތުން ހިއުމަން ރައިޓްސް ކޮމިޝަނަރެއް ހޮވައި، ކޮމަންވެލްތު ހިއުމަން ރައިޓްސް ކައުންސެލް ފަދަ ނަމެއްގައި މިނިވަން މުއައްސަސާއެއް އުފައްދައިގެން ކަމަށެވެ. އަދި މި މުއައްސަސާއަކީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް ރިޕޯޓު ކުރަން ނުޖެހޭ، މިނިވަން މުއައްސަސާއަކަށް ވާން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، މި މޮޑެލްއަކީ ޓެސްޓު ކުރެވި، ކާމިޔާބު ކަމަށް ދައްކާފައިވާ މޮޑެލެއް ކަމަށާއި، މީގެ މިސާލަކަށް އދ. ގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނާގެ އޮފީސް ފުދޭ ކަމަށެވެ.

"ކޮމަންވެލްތުން މި ފުރުސަތު ނަގާނުލައި، މިކަން ކޮށްފި ނަމަ އެ ޖަމިއްޔާ އަށް 21 ވަނަ ގަރުނުގައި ޖާގަ އެބަ އޮތް. އެހެން ނޫން ނަމަ، ކޮމަންވެލްތު ދުނިޔޭގައި ވަރަށް ބޮޑަށް އެއްފަރާތްވެ، ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އަޅުގަނޑަށް ހީވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދި ކޮމަންވެލްތަކީ ގިނަ ގައުމުތަކަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދޭ، ތަފާތު ސަގާފަތާއި މީހުންނާއި އެކު މުއްސަނދިވެފައިވާ ޖަމިއްޔާއަކަށްވީ ހިނދު، އެފަދަ ޖަމިއްޔާއެއް ދުނިޔެ އިން ބާކީވެގެން ދާ މަންޒަރު ދެކެން ބޭނުންވެވަޑައި ނުގަންނަވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެހެންކަމުން އަޅުގަނޑު ގަބޫލުކުރަނީ ކޮމަންވެލްތުގެ ތެރެއިން ބަދަލު ގެނައުމަށް، ނުރަސްމީކޮށް ލޮބީ ކުރެވޭނެ ގޮތެއް އުފައްދަން ޖެހޭ ކަމަށް. މިކަމުގައި ތަރައްގީއަށް މަސައްކަތް ކުރާ ގައުމުތަކާއި އެންޖީއޯތަކާއި ނޫސްވެރިންނާއި އާންމު ރައްޔިތުން ވެސް ތެދުވަން ޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.