13 Apr 2016, 19:09
ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)އިން ކ. ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރު ޕްރައިވަޓައިޒޭޝަނަށް ދޫކޮށްލައި، އެތަން ތަރައްގީ ކުރުމަށް ފަހު ހިންގަން ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އެ އޭޖެންސީއިން އިއުލާނު ކޮށްފި އެވެ.
އެ އޭޖެންސީއިން ކުރިއިއުލާނާއިއެކު އާންމު ކުރި ޕްރޮޕޯޒަލް ޑޮކިއުމެންޓުގައި ބުނެފައި ވަނީ، ސަރުކާރުން ރީހެބް ސެންޓަރެއް ހިންގުމަކީ ޚަރަދުބޮޑު ކަމެއް ކަން ފާހަގަވެފައިވާ ކަމަށާއި، ތަޖުރިބާހުރި އަމިއްލަ ފަރާތްތަކުން މިފަދަ މަރުކަޒެއް ހިންގުމަކީ ޚަރަދުކުޑަވުމުގެ އިތުރުން ހަރުދަނާ ގޮތުގައި ޚިދުމަތް ފޯރުކޮށްދެވޭނެ ގޮތެއް ކަމަށް ސަރުކާރުން ގަބޫލު ކުރާ ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން އެންޑީއޭގެ ދައުރަކަށް ވާނީ އެތަންތަން ރެގިއުލޭޓް ކުރުން ކަމަށް އެ އޭޖެންސީއިން ބުންޏެވެ.
އެންޑީއޭއިން ބުނީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރިކުއެސްޓް ފޯރ ޕްރޮޕޯޒަލަށް އިއްޔެ ހުޅުވާލާފައިވާ ކަމަށާއި، ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވައި، 11 މެއި ވަނަ ދުވަހު ހިންމަފުށީ ރީހެބް ދައްކާލުމަށް އެފަރާތްތައް އެރަށަށް ގެންދާނެ ކަމަށެވެ.
އަދި ޖޫން 12 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ބިޑު ހުށަހަޅަން ޖެހޭނެ ކަމަށާއި، ބިޑު އިވެލުއޭޓު ކުރުމަށްފަހު 23 ޖޫން ވާ ބުރާސްފަތި ދުވަހު، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށް ކޮންޓްރެކްޓް އެވޯޑު ކުރާނެ ކަމަށް އެ އޭޖެންސީއިން ބުނެ އެވެ.
އެންޑީއޭއިން ބުނީ، ކޮންޓްރެކްޓް ލިބޭ ފަރާތަކަށް ރީހެބާއި އެތަނުގެ މުދާ ރަހުނު ކުރުމުގެ ހައްގާއި، ކުއްޔަކާ ނުލައި ހިންގަމުށީގައި ހުރި ރީހެބާއި އެތަނުގެ ބިމުގެ ސަރަހައްދު ދެވޭނެ ކަމަށެވެ.
އެ ސަރަހައްދު ޖުމްލަ 20 އަހަރަށް ކުއްޔަށް ދެވޭ އިރު، އެތަނަށް 35 މިލިޔަން ދިވެހި ރުފިޔާ ނުވަތަ އިތުރަށް އިންވެސްޓް ކުރިކަން ސާބިތުކޮށްދެވިއްޖެ ނަމަ 35 އަހަރަށް ކުލި އިތުރު ކުރެވޭނެ އެވެ. ނުވަތަ، 20 އަހަރަށް ފަހު، އިންވެސްޓް ކޮށްފައިވާ މިންވަރަށް ބަލައި، އިތުރު 15 އަހަރަށް، ކޮންމެ ފަސް އަހަރަކުން ކުލި އިތުރު ކުރެވޭނެ އެވެ.
މީގެ އިތުރުން، އެތަނުން ފުރަތަމަ ފަސް އަހަރު، ކޮންމެ މަހަކު މަދުވެގެން 100 މީހުން ފަރުވާ ހޯދާނެ ކަމުގެ ޔަގީންކަން ވެސް ދޭނެ ކަމަށް އެންޑީއޭއިން ބުނެ އެވެ. އަދި ކޮންޓްރެކްޓް ލިބޭ ފަރާތުން ހުށަހެޅި އަގަށް ބަލައި، 100 މީހުންނަށް ވާ ފައިސާ އެ ފަރާތަކަށް އެންޑީއޭއިން އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ދޭނެ އެވެ.
ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރު 1997 ވަނަ އަހަރު ހުޅުވާފައި ވާއިރު، ޖެހިގެން އައި އަހަރު އެތަން ހިންމަފުއްޓަށް ބަދަލުކުރިއެވެ. އަދި އެރަށަށް ބަދަލު ކުރެވުނުތާ 18 އަހަރު ވެފައިވާ އިރު، މިހާރު އެ މަރުކަޒުގައި އެއްފަހަރާ 172 ފިރިހެނުންނާއި 10 އަންހެނުންނަށް ފަރުވާ ދެވޭނެ ޖާގަ އެބަ އޮތެވެ.