13 Apr 2016, 13:57
ވަޒީފާއާ ބެހޭ މައްސަލަތައް ހުށަހެޅުމަށް އަތޮޅު ތެރޭ މީހުން މާލެ އަންނަން ޖެހޭތީ، އެކަން ހައްލު ކުރުމަށް ޓަކައި މެޖިސްޓްރޭޓް ކޯޓުތައް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭނެ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު ހުށަހެޅި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް މަޖިލީހަށް ހުށަހެޅުއްވި އިސްލާހާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމުން އެ ކޯޓުން ކަނޑައަޅާފައި ވަނީ އެއީ ބާތިލް އިސްލާހެއް ކަމަށެވެ.
މަޖިލީހުން އެ އިސްލާހު ބޭރުކޮށްލީ އެ އިސްލާހު ދިރާސާ ކުރި އިޖުތިމާއީ ކޮމެޓީން އިސްލާހު އިތުރަށް ދިރާސާ ކުރަން ނުފެންނަ ކަމަށް ނިންމާފައިވާތީ އެވެ. އިސްލާހު މަޖިލީހުން ބޭރުކޮށްލީ 40 މެމްބަރުންގެ ވޯޓުން ނެވެ. އިސްލާހު މަޖިލީހުން ބޭރުކޮށްލުމާ ދެކޮޅަށް 22 މެމްބަރަކު ވޯޓު ދެއްވި އެވެ.\
ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް މަޖިލީހަށް ހުށަހެޅުއްވި އިސްލާހަކީ ބާތިލް އިސްލާހެއް ކަމަށް ސުޕްރީމް ކޯޓުން ނިންމީ އެ އިސްލާހު ދިރާސާ ކުރުމަށް މަޖިލީހުގެ އިޖްތިމާއީ ކޮމެޓީ އަށް ފޮނުވުމުން އެ އިސްލާހާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ކޮމެޓީން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގެ ޖަވާބުގަ އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ 87 ވަނަ މާއްދާ އަށް ފައްޔާޒު ހުށަހެޅުއްވި އިސްލާހުގައި ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ގޮތްޕެއް ގާއިމްކޮށްފައި ނުވާ ރަށްރަށުގައި ވަޒީފާގެ މައިދާނުގައި ދިމާވާ މައްސަލަތަކުގެ ތެރެއިން ޓްރައިބިއުނަލްގެ އިހްތިސާސް ހިނގާ މައްސަލަތައް އެ ރަށެއްގެ ނުވަތަ އެ ރަށެއް ހިމެނޭ ޖުޑީޝަލް ދާއިރާގެ ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިދާނެ ކަމަށެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަޒީފާއާ ގުޅިގެން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް ދިމާވާ ދަތިތަކަށް ކޮންމެސް ވަރެއްގެ ހައްލެއް ހޯދުމުގެ މަގުސަދުގައި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ހުށަހެޅުއްވި އިސްލާހަކީ ބާތިލް އިސްލާހެއް ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން ކޮމެޓީ ރިޕޯޓަށް މިއަދު ބަހުސް ކުރައްވަމުން އިދިކޮޅު ބައެއް މެމްބަރުން ވަނީ އެކަމާ ކަންބޮޑުވުންފާޅުކުރައްވާ ވާހަކަފުޅުދައްކަވާފަ އެވެ.