13 Apr 2016, 15:06
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުއްތާއަށް ގޮވައި، ސުޕްރީމް ކޯޓަށް "ވަކަރުގެ" އަށް ބައެއް މެމްބަރުން ގޮވައިފި އެވެ.
މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ވަޒީފާއާ ބެހޭ ގާނޫނަށް ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ހުށަހެޅުއްވި އިސްލާހު ދިރާސާ ކުރި އިޖުތިމާއީ ކޮމެޓީގެ ރިޕޯޓަށް ބަހުސް ކުރުމެވެ. ފައްޔާޒު ހުށަހެޅުއްވި އިސްލާހު ދިރާސާ ކުރުމުގެ ގޮތުން ކޮމެޓީން ވަނީ އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ހިޔާލެއް ހޯދައިފަ އެވެ. އަދި ސުޕްރީމް ކޯޓުން ވަނީ އެ އިސްލާހަކީ ބާތިލް އިސްލާހެއް ކަމަށް ކަނޑައަޅައިފަ އެވެ. އެހެންކަމުން ސުޕްރީމް ކޯޓުން އެގޮތަށް ނިންމުމުމް ކޮމެޓީން ނިންމީ އިސްލާހު އިތުރަށް ދިރާސާ ކުރަން ނުފެންނަ ކަމަށެވެ.
އެހެންކަމުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރާ އިދިކޮޅު މެމްބަރުން ވަނީ ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވައިފަ އެވެ.
އެ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހުކުމްތައް ކުރައްވަމުން ގެންދަނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށެވެ. އަދި އެކަން ސަރުކާރާ އިދިކޮޅު މެމްބަރުންނަށް ހަޖަމު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ): މިއަދުގެ ޖަލްސާގައި ވައްޑެ "ކުއްތާ" އަށް ގޮވާފައި -- ފޮޓޯ/ މަޖިލިސް
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ ތިއްބެވި ފަނޑިޔާރުން ވަރުގެ މޮޅު ފަނޑިޔާރުންނެއް މިގައުމުގައި ނެތޭ. އިސްލާމީ ޝަރީއަތް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅުންކޮޅެއް އެތަނަށް [ސުޕްރީމް ކޯޓަށް] ކަނޑައެޅިފައިވާތީވެ އެކަމާ ދެކޮޅުވެރިވާން ބަޔަކު މީހުން އުޅުނު ކަމުގައިވީ ނަމަވެސް އެއީކީއެއް ކުރެވޭނެ ކަމެއް ނޫން،" ވައްޑޭ ވިދާޅުވި އެވެ.
ވައްޑޭ ވިދާޅުވީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަކީ ގައުމީ ބަތަލުން ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށް މަސައްކަތް ކުރައްވަމުން ގެންދެވި އިރު އެކަންކަން ހުއްޓުވީ ވެސް ރާއްޖޭގެ ފަނޑިޔާރުން ކަމަށެވެ. ވައްޑޭ ވިދާޅުވީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ވާހަކަފުޅުތައް ދެއްކެވުމުން އިދިކޮޅު ފަރާތްތައް "ތުރުތުރު" އަޅުއްވާނެ ކަމަށެވެ.
"މިތާނގައި [ރައްޔިތުންގެ މަޖިލިސް] ކުއްތާ ވަށްވަށް ޖަހާހެން، ކުއްތާތަކެއް ވަށްވަށް ޖަހާހެން، ކުއްތާތަކެއް ވަށްވަށް ޖަހާހެން މިތާ ތެެރޭގައި އަސްލު އެއްވެސް ފަރާތަކުނެއް މި ކަރާމާތްތެރިކަން ލިބިގެންވާ މަޖިލިސް ތެރޭގައި އެއްވެސް އިއްޒަތްތެރި މެމްބަރަކަށް އެ ފުރުސަތެއް ނޯންނާނެ. އަދި އެ ފުރުސަތު ދެވިގެންވެސް ނުވާނެ. އަދި ކަރާމާތްތެރިކަން ލިބިގެންވާ ފަނޑިޔާރުންނާ ދިމާލަށް އެއްޗެހި ކިޔާކަށް މި ފުލޯ ހުޅުވިގެން ވެސް ނުވާނެ،" ވައްޑެ ވިދާޅުވި އެވެ.
ވައްޑޭ ވިދާޅުވީ ފަނޑިޔާރުކަމުގެ ހުނަރާއި ތަޖުރިބާ ނެތް މެމްބަރުންތައް "ކުއްތާތައް ވަށްވަށް ޖަހާހެން" މަޖިލިސް ތެރޭގައި އެ މެމްބަރުންނަށް ވުރެ މޮޅު ބަޔަކު ނެތް ކަމަށް ހެދިގެން އުޅެމުން އަންނަ ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވާ ވާހަކަފުޅުދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ގާނޫނު ހެދުމުގެ ބާރު ގާނޫނުން މަތިކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ސުޕްރީމް ކޯޓުން ނަގަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެކަން ކުރުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ދެމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ދިވެހި ރާއްޖޭގެ ސުޕްރީމް ވަކަރުގެއިން ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފަށް މިތަނަށް [ރައްޔިތުންގެ މަޖިލީހަށް] ފޮނުވާ ސިޓީތަކުން ނުވަތަ ބަޔާންތަކަށް ރިއާޔަތްކޮށް އަޅުގަނޑުމެން މަޖިލީހުގައި ގާނޫނު ނުވަތަ ބިލުތައް ފާސްކުރުމުގެ ހުރިހާ ބާރުތަކެއް ނަގާލާތަން. އަދި އެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން މިއަދު ދެމުން އަންނަތަން އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ،" އިންތި ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި): އޭނާ ވަނީ ސުޕްރީމް ކޯޓަށް "ވަކަރުގެ" އަށް ގޮވާފައި -- ފޮޓޯ/ މަޖިލިސް
ސުޕްރީމް ކޯޓަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުން އިންތި ވިދާޅުވީ ސުޕްރީމް ކޯޓުން ބައްދަލުވުމެއް ބާއްވާ ކޮންމެ ދުވަހަކީ ރާއްޖޭގެ ގާނޫނު އަސާސީ ހަލާކުކޮށްލާ ދުވަހެއް ކަމަށެވެ.
މިއަދުގެ ޖަލްސާގައި ވައްޑޭ ބައެއް މެމްބަރުންނަށް ކުއްތާއަށް ގޮވި ކަމަށް ބުނެ އެކަމާ އިދިކޮޅު މެމްބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ވައްޑެ އެހެން ވިދާޅުވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން އޭނާއާ ދިމާލަށް ކަމަށެވެ. ނަމަވެސް އެކަން މަޖިލީހުގެ ރިޔާސަތުން ހުއްޓުވާފައި ނުވާތީ އެކަމާ އީވާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
އީވާގެ ވާހަކަފުޅަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި މަޖިލިސް ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ، ވައްޑޭ ވާހަކަފުޅުދެއްކެވި އިރު އެއްވެސް މެމްބަރަކަށް ނިސްބަތްކޮށް އެގޮތަށް ވާހަކަފުޅު ދައްކަވާފައި ނުވާ ކަމަށެވެ.