ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރެއްގެ ދަށުން، 2000 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 13 ވަނަ ދުވަހު އުފެއްދި އައިލެންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑަށް މިއަދަށް 16 އަހަރު ފުރުނުއިރު، އެ ކުންފުންޏަކީ ރާއްޖޭގެ ޑޮމެކްޓިކް އެއާ ޓްރެވަލްގެ އެންމެ ބޮޑު މާކެޓު ޝެއާ އޮތް ކުންފުންޏެވެ. ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަން ވެސް އޮޕަރޭޓު ކުރަނީ އައިލެންޑް އޭވިއޭޝަނުންނެވެ.

އައިލެންޑް އޭވިއޭޝަނުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވީ، މިދިޔަ 16 އަހަރުގެ ތެރޭގައި އެ ކުންފުނިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ. ޑޯނިއާ 228 މަރުކާގެ ދެ ބޯޓަކާއި ބޮމްބާޑިއާ ޑޭޝް 8 މަރުކާގެ އެއް ބޯޓާއެކު ފަށައިގަތް އެ ކުންފުނި، ރާއްޖޭގެ ތިން ޑޮމެސްޓިކް އެއާޕޯޓެއް ވަރަށް ހުށިޔާރު ކަމާއެކު ހިންގަމުން ދިއުމަކީ ބޮޑު ކާމިޔާބެކެވެ.

މޯލްޑިވިއަން ފްލައިޓެއްގައި ކެބިން ކްރޫންތަކެއް ހިދުމަތުގައި-- ފޮޓޯ/ އައިލެންޑް އޭވިއޭޝަން

ކުންފުނީގެ ޝިއާރާއި އެއްގޮތަށް ދިވެހީންނަށް ވައިގެ ދަތުރުތައް "ސިމްޕަލް" ކޮށްދިނުމަށް ފަހު، ރާއްޖޭގެ އަސްދަނޑިން ބޭރަށް މި ކުންފުނި އުދުއްސައިގަތީ 2008 ވަނަ އަހަރު، އިންޑިއާގެ ތިރުވަނަންތަޕޫރަމަށް ޝެޑިއުލްޑް ދަތުރުތައް ފެށުމާއެކު އެވެ. އެއަށް ފަހު، މަންޒިލަކުން މަންޒިލެއް އިތުރުވަމުން ގޮސް، މިހާރު ފަސް ގައުމަކުން 20 މަންޒިލަކަށް މޯލްޑިވިއަން ދަތުރު ކުރެ އެވެ.

އެއީ ރާއްޖޭގެ ހުރިހާ ޑޮމެސްޓިކް މަންޒިލަކާއި ޗައިނާގެ ހަ މަންޒިލު ޝިއާން، ވުހާން، ނަންޖިން، ޗަންގްޝާ، ޗޮންގްޗިންއާއި، ފޫޒައުގެ އިތުރުން، ބަންގްލަދޭޝްގެ ޑާކާއަށާއި ތައިލެންޑުގެ ބެންގްކޮކާއި އިންޑިއާގެ ތިރުވަނަންތަޕޫރަމާއި ޗެންނާއީ އެވެ.

އެންމެ ތިން އެއާކްރާފްޓާއި އެކު ފެށި ދިވެހި ގައުމީ އެއާލައިނުގައި މިހާރު 16 އެއާކްރާފްޓު އެބަ އޮތެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ ދަތުރުތައް ކުރުމަށް، ހަ ބިޒްނަސް ކްލާސް ސީޓާއެކު 200 މީހުންގެ ޖާގަ އޮންނަ އެއާބަސް އޭ 320 މަރުކާގެ ބޯޓަކާއި 14 ބިޒްނަސް ކްލާސް ސީޓާއެކު 152 މީހުންގެ ޖާގަ އޮންނަ އެއާބަސް އޭ 321 މަރުކާގެ ބޯޓެއް ހިމެނެ އެވެ. އޭގެ އިތުރުން 50 މީހުންގެ ޖާގަ އޮންނަ ޑޭޝް 300-8 މަރުކާގެ ހަ ބޯޓާއި 37 ފަސިންޖަރުންގެ ޖާގަ އޮންނަ ޑޭޝް 200-8 މަރުކާގެ ދެ ބޯޓު ވެސް ހިމެނެ އެވެ. އަދި މޯލްޑިވިއަންއިން ސީޕްލޭން ދަތުރުތައް ކުރުމަށް ޑީއެޗްސީ 6 ޓްވިން އޮޓާ މަރުކާގެ ހަ ސީޕްލޭން ވެސް ގެންގުޅެ އެވެ. މޯލްޑިވިއަން ސީޕްލޭން، ބ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅަށް ދަތުރު ކުރެ އެވެ.

މޯލްޑިވިއަންގެ ސީޕްލޭނެއް -- ސަން ފައިލް ފޮޓޯ

އައިލެންޑް އޭވިއޭޝަނުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން ނަޝާތު "ސަން" އަށް ވިދާޅުވީ، އެ ކުންފުނީގެ އެއާލައިނުން ދަތުރުކުރާނެ މަންޒިލުތަކާއި، ފްލީޓަށް އެއާކްރާފްޓު އިތުރުކުރަމުން ދާނެ ކަމަށާއި އެކަން ކުރާނީ ކަސްޓަމަރުންގެ ތަރުހީބަށް ބަލައިގެން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ފްލީޓު ބޮޑުވެ، މަންޒިލުތައް ވެސް މަޑުމަޑުން އިތުރު ކުރަމުން ދާނެ ކަމަށް ނަޝާތު ވިދާޅުވި އެވެ.

ނަމަވެސް، އެ ކުންފުނީގެ 16 އަހަރު ތެރޭގައި ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމުގައި ނަޝާތު ސިފަކުރެއްވީ، ރާއްޖޭގެ ޑޮމެސްޓިކް ތިން އެއާޕޯޓެއް އެކުންފުނިން ހިންގަމުން އަންނަ އައުމެވެ. އައިލެންޑް އޭވިއޭޝަނުން ދަނީ ތިމަރަފުށީ ޑޮމެސްޓިކް އެއާޕޯޓާއި ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓުގެ އިތުރުން އިފުރު އެއާޕޯޓު މެނޭޖުކޮށް ހިންގަމުންނެވެ.

މޯލްޑިވިއަންއިން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ، އެ އެއާލައިނުގެ ފްލައިޓުތައް ނޫން އެހެން ފްލައިޓުތަކަށް ވެސް އިންޖިނިއަރިންގއާއި މެއިންޓެނަންސް ޚިދުމަތް ފޯރުކޮށްދެ އެވެ. މޯލްޑިވިއަންގެ ތަފާތު ތިން ލައުންޖެއް ރާއްޖޭގައި ހުރެ އެވެ. އެއީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުގައި ހުންނަ މޫނިމާ ލައުންޖާއި، ހަނިމާދޫ އެއާޕޯޓާއި ދަރަވަންދޫ އެއާޕޯޓުގައި ހުންނަ ކަޝިމާ ލައުންޖެވެ.

ޑިސެމްބަރު 11، 2015: ބައިނަލްއަގުވާމީ ސިވިލް އޭވިއޭޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީން އިންތިޒާމް ކުރި "ފްލައި ޕާސްޓް" އެއާ ޝޯގެ ތެެރއިން-- ސަން ފޮޓޯ/ އަލީ ނަސީރު

މޯލްޑިވިއަންއިން ކާގޯގެ ޚިދުމަތް ވެސް ދެމުން ދާ އިރު، އެކުންފުނިން މާލޭގައި ނަމަ ގެޔާ ހަމައަށް ކާގޯ ޑެލިވާ ވެސް ކޮށްދެ އެވެ.

މީގެ އިތުރުން، މޯލްޑިވިއަން ހޮލިޑޭޒްގެ ނަމުގައި އައިލެންޑް އޭވިއޭޝަނުން ޓްރެވަލް އޭޖެންސީއެއް ވެސް ހިންގަ އެވެ. މޯލްޑިވިއަން ހޮލިޑޭޒްއިން ކަސްޓަމަރުންނަށް ވިސާ އެސިސްޓެންސާއި، އެކޮމޮޑޭޝަނާއި ރާއްޖޭގެ އެކިއެކި ޓުއާތައް ފަދަ ޚިދުމަތްތައް ދެ އެވެ. އަދި ހަމަ މިއާއި އެކު މޯލްޑިވިއަން ހޮލިޑޭޒްއިން ދަނީ ރާއްޖޭގައި ސަރުކާރާއި އާސަންދައިގެ ބޭނުންތަކަށް ކުރާ ދަތުރުތައް މެނޭޖު ކުރަމުންނެވެ.

މޯލްޑިވިއަން ހޮލިޑޭޒްގެ ނަމުގައި ފަތުރުވެރިކަމާ ބެހޭ މައުލޫމާތު ހިމެނޭ މަޖައްލާއެއް އަހަރަކު ހަތަރު ފަހަރު ދަނީ ނެރެމުންނެވެ.

ސޯޅަ އަހަރު ތެރޭގައި ރާއްޖޭގެ ގައުމީ އެއާލައިނު ދިވެހި ރައްޔިތުންނަށް ދެމުން އައި ޚިދުމަތްތައް ފުޅާކޮށް، އެންމެ ފަހުން ބައިނަލްއަގުވާމީ ފެންވަރަށް ދިއުމުން ދިވެހީންނަށް ލިބޭ އުފާވެރިކަމެކެވެ.

އައިލެންޑް އޭވިއޭޝަނުން ބުނަނީ، އެ ކުންފުނީގެ އަމާޒަކީ އުންމީދުތަކެއް ހާސިލުކުރުން ނޫން ކަމަށާއި، އަމާޒަކީ ކަސްޓަމަރުން އެކުންފުނީގެ ޚިދުމަތް ލިބިގަތުމަކީ އެވެރިންނަށް އުފަލަކަށް ހެދުމަށާއި، ކަސްޓަމަރުންނާއި ޕާޓްނަރުންގެ އަމާޒުތައް ހަގީގަތަކަށް ހަދައިދިނުން ކަމަށެވެ.

ނަޝާތު ވިދާޅުވީ، އައިލެންޑް އޭވިއޭޝަން ކުންފުނި މިހާ ހިސާބަށް އައުމުގައި، އެކުންފުނީގެ ކުރީގެ ދެ ޗެއާމަނުން ކަމުގައިވާ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ދުރު ވިސްނުންފުޅާއި ޚިދުމަތް ވަރަށް ބޮޑު ދައުރެއް ވާ ކަމަށާއި، ކުންފުނީގެ މުވައްޒަފުންގެ ނަމުގައި އެދެބޭފުޅުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.