04 May 2011, 13:21
މިދިޔަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރޭގައި ކުނިވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލަ އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްޗަށް ސާބިތުވެއްޖެ ނަމަ ބޭނުންވަނީ މަރަށް މަރު ހިފުމަށް ކަމަށް މިއަދު ކްރިމިނަލް ކޯޓުން ބަޔާން ނެގި ޝީރީން ނުވަ ވާރިސުން ވެސް ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ.
މިއަދު ބަޔާން ނެގި ނުވަ މީހުންގެ ތެރެއިން ހަ މީހުން ތިބީ ލ. ގަމު ކޯޓުގަ އެވެ. އެމީހުންގެ ބަޔާން ކްރިމިނަލް ކޯޓުން ނަގާފައި ވަނީ ފޯން ކޮންފަރެންސް މެދުވެރިކޮށެވެ. އެންމެ ފުރަތަމަ ނަގާފައި ވަނީ ޝީރީންގެ ބައްޕަ އަލީ އަބްދުﷲގެ ބަޔާނެވެ. އޭނާ ބުނީ ޝީރީންގެ މަރުގެ މައްސަލައިގައި ބޭނުންވަނީ މަރަށް މަރު ހިފުމަށް ކަމަށެވެ.
ޝީރީންގެ މަންމަ ޝަރީފާ އިބުރާހިމް ބަޔާން ދީފައި ވަނީ ސީދާ ކްރިމިނަލް ކޯޓަށް ހާޒިރުވެގެންނެވެ. ޝީރީން ގަސްދުގައި މަރާލުމުގެ ކުށުގެ ދައުވާ ލިބޭ ނަޖާހުއާ އެއް ހާޒިރެއްގައި ހުރެ ޝަރީފާ ވެސް ބުނީ ބޭނުންވަނީ މަރަށް މަރު ކަމަށެވެ.
ޝީރީންގެ ކޮއްކޮ މުހައްމަދު ޝަކީބާއި ހަސަން ޝަކީބާއި ރުގިއްޔާ ނާޝިދާ އާއި އޭނާގެ ބޭބެ އާދަމް ޝަކީބާއި އޭނާގެ ދައްތަ އައިމިނަތު ޝަކީބާއި ހައްވާ ނަޖްމާ އާއި އައިޝަތު ރީނާ ވެސް ބުނީ ބޭނުންވަނީ މަރަށް މަރު ކަމަށެވެ.
ނަޖާހުގެ ކުރިމަތީގަ އާއި ފޯން ކޮންފަރެންސް މެދުވެރިކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ބޭނުންވަނީ އޭނާ މެރުމަށް ކަމަށް ޝީރީންގެ ވާރިސުން ބުނަމުންދިޔަ އިރު ނަޖާހު އިނީ ރުޅިގަދަވެ، ދެރަވެފައިވާ ކަހަލަ ގޮތަކަށެވެ. އަދި އެ ވަގުތު ނަޖާހުގެ މޫނު މަތި ހުރީ ކުޑަކޮށް ރަތްވެފަ އެވެ. އެކަމަކު ފަހަތަށް ބިޑި އަޅުވައި ގޮނޑީގައި ބައިންދާފައި އިން އިރު އޭނާ ގުޑިވެސް ނުލަ އެވެ.
ޝީރީން ބާކީ ތިބީ ތިން ވާރިސުންނެވެ. އޭގެ ތެރެއިން ދެ އަންހެނަކު މިއަދު ކޯޓަށް ހާޒިރުވެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ. އަދި އެކަކު ޖަލުގައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.
މިއަދު ޝަރީއަތުގެ އަޑުއެހުން އިސް ގާޒީ ނިންމަވާލެއްވީ ބާކީ ތިބި ވާރިސުންގެ ބަޔާން ނެގުމަށްފަހު މައްސަލައިގައި ހުކުމް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މަރިޔަމް ޝީރީން ގެއްލިފައި ވަނީ ޑިސެމްބަރު 31، 2009 ގަ އެވެ. އޭގެ ދެ ދުވަސް ފަހުން ޖެނުއަރީ 2، 2010 ގެ ހަވީރުގެ ވަގުތެއްގައި މަރިޔަމް ޝީރީންގެ ހަށިގަނޑު މ. އަންގާގިރީގެ ކުނިތަކެއްގެ ތެރެއިން ވަނީ ފެނިފަ އެވެ. އޭރު ޝީރީންގެ ހަށިގަނޑު އޮތީ ކުރު ގެޅިފައިވާ ފަދަ ގޮތަކަށް ކަމަށް ހެކިބަސް ދިން ފުލުހުން ބުނެފައިވެ އެވެ. އަދި ފަލަމަސްގަނޑާއި ހަށިގަނޑުގެ އިތުރު ބައެއް ތަންތަން ނޫފައިގެންފައިވާ ކަމަށް ވެސް ހެކިން ބުނެފައިވެ އެވެ.
ދައުލަތުން ބުނަނީ ޝީރީނާއި ނަޖާހު އުޅެމުންދިޔަ މ. ކުރަހާގޭގައި ނަޖާހު، ޝީރީން މަރާލުމަށްފަހު ޝީރީންގެ އަމިއްލަ ފޮއްޓަކަށް އޭނާގެ މަރުވެފައިވާ ހަށިގަނޑު ލައިގެން ގޮސް އަންގާގިރީގެ ކުނިތަކެއްގެ ތެރޭގައި ފޮރުވީ ކަމަށެވެ. ކުރަހާގެއިން މާފަންނު ގަޑިބުރާ ހަމައަށް ޝީރީންގެ ހަށިގަނޑު ފޮށިގަނޑުގައި ނަޖާހު އުފުލާފައި ވަނީ އަތުން ކަމަށާއި އެ ހިސާބުން ޓެކްސީއަކަށް އަރުވައިގެން އަންގާގިރިއަށް ގެންދިޔައީ ކަމަށް ވެސް ދައުލަތުން ބުނެ އެވެ.
ލޯބިވެރިޔާގެ ހަށިގަނޑު ކުނިތަކެއްގެ ތެރެއަށް އެއްލާލުމަށްފަހު ނަޖާހު ފޮށިގަނޑު ހިފައިގެން ދިޔަ ކަމަށް ބުނާ ވީޑިއޯ ވެސް ދައުލަތުން ވަނީ ޝަރީއަތަށް ހުށަހަޅައިފަ އެވެ. އޭގައި ފެންނަނީ ހުދު ސޯޓެއް ލައިގެން ހުރި މީހަކު ފޮއްޓެއް ހިފައިގެން ވަރަށް ބާރަށް ހިނގާފައިދާ ތަނެވެ. އޭރު އޭނާ ހުރީ ގައިގައި ނުޖެހޭނެ ހެން ފޮށިގަނޑު ދުރުކޮށްގެނެވެ.
ޓެކްސީ ޑްރައިވަރު ހެކިބަސް ދެމުން ބުނެފައި ވަނީ ނަޖާހު އަންގާގިރި ކައިރިއަށް ފޮއްޓެއް ބާލާފައިވާ ކަމަށެވެ. އަދި އޭގެ އެއް ދުވަސް ފަހުން ކާރުގެ ޑިކީގެ ތެރެއިން ވަރަށް ނުބައި ވަހެއް ދުވާފައިވާ ކަމަށް ވެސް ޑްރައިވަރު ބުނެފައިވެ އެވެ.
އެ ފޮއްޓާއި ޑިކީގެ ތެރެއިން ފުލުހުން ވަނީ ޑީއެންއޭ ސާމްޕަލް ނަގައިފަ އެވެ. ހެކިބަސް ދެމުން ފުލުހެއް ބުނެފައި ވަނީ ކާރުގެ ޑިކީގެ ކާޕެޓުންނާއި ނަޖާހު އުފުލި ކަމަށް ބުނާ ފޮށިން ނެގި ސާމްޕަލްތައް ދިމާވާ ކަމަށެވެ.
ރައްޓެހިވެގެން އުޅުނު ދުވަސްވަރު ޝީރީނަށް ނަޖާހު ވަރަށް ބޮޑަށް އަނިޔާ ކުރާ ކަމަށް ދައުލަތުން ބުނެ އެވެ. ހެކިން ބުނެފައި ވަނީ ޝީރީން މަރާލާނަމޭ ބުނެ ނަޖާހު އެއް ދުވަހަކު ވަޅިއެއް ހިފައިގެން އުޅުނު ކަމަށެވެ. އަދި ޝީރީންގެ ލޯމަތި ނޫފައިގެންފައި ހުރުމުން އެކަމާ ސުވާލު ކުރުމުން އެއީ ނަޖާހު އަނިޔާކޮށްފައި ކަމަށް ބުނެފައިވާ ކަމަށާއި "އަހަރެން މަރުވާނީ އެޅ އަތުންނޭ" ޝީރީން ބުނެފައިވާ ކަމަށް ވެސް ހެކިން ބުނެފައިވެ އެވެ.