ސައުދީ އަރަބިއާގައި ބާއްވާ "ރިޔާދް ޓްރެވަލް ފެއާ 2016"ގައި ރާއްޖެ އިން ބައިވެރިވެއްޖެ އެވެ.

ރިޔާދް ޓްރެވަލް ފެއާއަކީ ދުނިޔޭގެ އެކި ހިސާބުތަކުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާ، ސައުދީ އަރަބިއާގައި މިހާތަނަށް ބާއްވަމުން އައި އެންމެ ބޮޑު ޓޫރިޒަމް ފެއާ އެވެ. މިހާރު ފެށިގެން ކުރިއަށް ދަނީ އެ ފެއާގެ އަށް ވަނަ އެޑިޝަނެވެ.

މި މަހުގެ 12 އިން 15 އަށް އެ ފެއާ ކުރިއަށްދާ އިރު، މި އަހަރުގެ ފެއާގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ހިމެނޭ ގޮތުން ރާއްޖޭގެ ހަ ކުންފުންޏަކުން ވަނީ ބައިވެރިވެފަ އެވެ.

މިދިޔަ އަހަރުގެ ފެއާއާ އަޅާބަލާ އިރު މި އަހަރުގެ ފެއާއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ފެއާ އިންތިޒާމު ކުރާ ފަރާތުން ވަނީ ބުނެފަ އެވެ. ސަބަބަކީ މި އަހަރުގެ ފެއާގައި ރިކޯޑު އަދަދަކަށް ގައުމުތަކުން ބައިވެރިވެފައި ވުމެވެ.

މި އަހަރުގެ ފެއާގައި 55 ގައުމަކުން، 250 އަށް ވުރެ ގިނަ ކުންފުނިތައް އަންނަނީ ބައިވެރިވަމުންނެވެ. މިއީ އެންމެ ފަހުން ބޭއްވި ފެއާ އަށްވުރެ 11 ޕަސެންޓު މަތީ އަދަދެކެވެ.