ސްވިސް ކޮންފެޑަރޭޝަނަށް ދިވެހިރާއްޖެ އިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، ހ.މީނާޒް, ޑރ. ހާލާ ހަމީދު އައްޔަން ކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީން ނިންމައިފި އެވެ.

ގައުމީ ސަލާމަތު ކޮމެޓީން ހާލާ އެމަގާމަށް އައްޔަނުކުރަން ފާސްކުރީ ކޮމެޓީ އަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުން ނެވެ. ހާލާ އެ މަގާމަށް އައްޔަން ކުރެއްވި އިރު އެކަމަނާއާ ކޮމެޓީން އިންޓަވިއު ކުރައްވާފައެއް ނުވެ އެވެ.

ކޮމެޓީ ރިޕޯޓުގައި ބުނެފައި ވަނީ ހާލާ އަކީ އެދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންހުންނެވި ބޭފުޅެއް ކަމަށާއި އަދި ޑިޕްލޮމެޓިކް މިޝަނާއި ތައުލީމާއި ތަޖުރިބާގެ ގޮތުން ވެސް އެކަމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށެވެ.

އެ މަގާމަށް ޑރ. ހާލާ ހަމަޖައްސަވައިދެއްވުމާ މެދު މަޖިލީހުން މަޝްވަރާކޮށް، ގޮތެއް ނިންމަވައިދެއްވުމަށް އެދި ރައީސް ޔާމީން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ސިޓީފުޅެއް ފޮނުއްވާފައި ވަނީ މި މަހުގެ ފަސްވަނަ ދުވަހު އެވެ.

މިވަގުތު ޖެނީވާގައި ހުންނަ އދ. އޮފީހުގެ ދާއިމީ މަންދޫބުގެ މަގާމުވެސް ފުުރުއްވަމުން ގެންދަވަނީ ޑރ. ހާލާ އެވެ.

ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވެވި ޑރ. ހާލާ ހަމީދު ވަނީ ޕޮލިސް އިންޓަގްރެޓީ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް އެ މަގާމުން 2013 ވަނަ އަހަރު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އެއަށް ފަހު ޑރ. ހާލާ މަސައްކަތް ކުރައްވާފައި ވަނީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހާލާ ވަނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ބަދަލުކޮށްފަ އެވެ.

އަދި މިދިޔަ އޮކްޓޫބަރު މަހު ރައީސް ޔާމީން ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ހާލާ ބަދަލުކުރައްވާފަ އެވެ.