ވ. ރަކީދޫގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ގާއިމްކޮށްފައިވާ 30 ކިލޯވޯޓް ޕީކްގެ އަވިން ހަކަތަ އުފައްދާ ހައިބްރިޑް ނިޒާމު މިއަދު އިފްތިތާހުކޮށްފި އެވެ.

ރަކީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ނިޒާމު އިފްތިތާހު ކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހިމެވެ. އެ ރަސްމިއްޔާތުގައިި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ ޑިރެކްޓާ ޖެނެރަލް ހުން ކިމް އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު އަދި ރަކީދޫ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ނިޒާރު ބައިވެރިވެވަޑައިގެންނެވި އެވެ.

ރަކީދޫގައި ގާއިމް ކުރި ހައިބްރިޑް ނިޒާމުގައި 30 ކިލޯވޯޓް ޕީކުގެ ސޯލާޕަވާ ސިސްޓަމަކާއި 60 ކިލޯވޯޓް އަވާގެ ލިތިއަމް އަޔަން ބެޓެރި އާއި ރޭގަނޑަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމާއި ބެޓެރި ޗާޖުކުރުމަށް ޑިސަލް ބެކްއަޕެއް ބަހައްޓާފައި ހުރެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އިއާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން މިހާރު ވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި އިއާކުރަނިވި ހަކަތައިގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ތެލަށް ކުރާ ހަރަދު ވެސް ކުޑަ ކުރަންޖެހޭ ކަމަށެވެ. އެގޮތުން ލިބޭ ފައިސާއިން ތެލަށް ހަރަދުކުރުމުގެބައި ކުޑަވަނެ ކަމަށް މިނިސްޓަރު ޠާރިގު ވިދާޅުވި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ރާއްޖޭގައި ބޭނުން ކުރާ ކަރަންޓުގެ 30 ޕަސެންޓަކީ އިއާދަ ކުރަނިވި ހަކަތައިގެ އެހީގައި އުފައްދާ ހަކަތައަށް ހެދުމަށް މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގިނަ ރަށްރަށެއްގައި އެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަޝްެރޫއު ކުރިއަށްގެންގޮސްފައި ވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ރީޖަނަލް ޓެކްނިކަލް އެސިސްޓެންސް ޕްރޮގްރާމްގެ ހިލޭ އެހީގަ އާއި ސްޓެލްކޯގެ ހަރަދުގަ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އެ ނިޒާމު ގާއިމްކުރުމާ އެކު ދުވާލުގަޑީގައި އެރަށަށް ކަރަންޓު ފޯރުކޮށްދޭނީ ޑީސަލް ޖަނަރޭޓަރު ނިވާލުމަށްފަހު އަވިން ލިބޭ ހަކަތައާއި ބެޓެރި ބޭނުންކޮށްގެން ކަމަށެވެ. އޭގެ ސަބަބުން ހަކަތަ އުފެއްދުމަށް އަނދާ ތެލުގެ 50 ޕަސެންޓް ކުޑަކުރެވޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.