ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެއް ވަނަ ކިޑްސް ސްވިމިން ފެސްޓިވަލް މިއަދު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

މާލޭ ފަތާ ފެންގަނޑުގައި މިއަދު ހަވީރު ފަށާ އެ ފެސްޓިވަލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަ އަހަރުން ދަށާއި، އަށް އަހަރުން ދަށް އަދި 10 އަހަރުން ދަށުގެ އުމުރުފުރާގެ އިވެންޓުތަކެވެ.

ކިޑްސް ސްވިމިން ފެސްޓިވަލުގައި މިއަދު ކުރިއަށް ގެންދާ އިވެންޓްތަކަށް ބަލައިލާއިރު، ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަށް އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިގެ 25 މީޓަރު ފްރީސްޓައިލް އިވެންޓެވެ.

ދިހަ އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިގެ 25 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓް މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ހަ އަހަރުން ދަށުގެ އަންހެން ބައިގެ 50 މީޓަރު ފްލަޓާ ކިކް އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

އަށް އަހަރުން ދަށުގެ އަންހެން ބައިގެ 50 މީޓަރު ފްލަޓާކިކް އިވެންޓާއި، އަށް އަހަރުން ދަށާއި 10 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ބައިގެ ހަތަރު ގުނަ 25 މީޓަރު ފްރީސްޓައިލް އިވެންޓު ވެސް މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ސްވިމިން އެސޯސިއޭޝަނުން އަލަށް ކުރިއަށްގެންދާ އެ ފެސްޓިވަލުގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވެފައިވާ އިރު، މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އެ ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.