ނ. ވެލިދޫ ކައުންސިލާއި ގުޅޭ ގޮތުން ދި ޓީވީން މިދިޔަ ހޯމަ ދުވަހު ފޮނުވި ހަބަރަކަށް ވެލިދޫ ކައުންސިލަރަކު ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ ރައްޔިތުންގެ ބަޔަކު ނުކުމެ ކައުންސިލް އިދާރާ ހިސޯރުކޮށްފި އެވެ.

ވެރިކަން ކުރާ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ވެލިދޫ ކައުންސިލްގެ ރައީސް މުހަންމަދު އާދިލް މިއަދު ވިދާޅުވީ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އިއްޔެއިން ފެށިގެން ކައުންސިލްގެ އިދާރާ ބަންދުކުރިޔަ ނުދީ ހިފަހެއްޓާފައިވާ ކަމަށެވެ. އަދި ދި ޓީވީއަށް ދިން ކަމަށް ބުނާ މައުލޫމާތު ރައްޔިތުންނާ ބައްދަލުކޮށް ހިއްސާކުރާނެ ކަމަށް ބުނުމުން ކައުންސިލްގެ އިދާރާ ރޭ 11 ޖެހުމާއި ގާތްވެފައި ވަނިކޮށް ދޫކޮށްލައިފައިވާ ކަމަށެވެ.

ރަށުގެ ބައެއް ރައްޔިތުން ކައުންސިލަރަކު ދޮގު މައުލޫމާތުދިން ކަމަށް ބުނެ ކައުންސިލް އިދާރާ ބަންދު ކުރީ އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ ވެލިދޫ ކައުންސިލާ މެދު އިދާރާގެ މުވައްޒިފުން ހިންހަމަ ނުޖެހިގެން މަސައްކަތައް ނުނިކުތުމާއި އަދި ބައެއް ކައުންސިލަރުން ވެސް އޮފީހަށް ނުނުކުންނާތީ ކައުންސިލްގެ އިދާރާއިން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ހުއްޓިފައިވާކަމަށް ރަށުގެ ރައްޔިތަކާއި ހަވާލާދީ ދިޓީވީން ހަބަރު ފެތުރުމުންނެވެ.

އާދިލް ވިދާޅުވީ ކައުންސިލްއިން މައުލޫމާތު ސާފުކުރި ސާފުކުރުމުން އެ މައުލޫމާތު ދިޓީވީއަށް ފޯރުކޮށްދީފައިވަނީ އެމްޑީޕީގެ ކައުންސިލަރެއް ނޫންކަމަށް ދިޓީވީން ބުނެފައިވާ ކަމަށެވެ.
ވެލިދޫ ކައުންސިލްގައި ހުންނަވަނީ ޑީއާރްޕީއަށް ނިސްބަތްވާ އެންމެ ކައުންސިލަރެކެވެ. ދެން ތިއްބަވަނީ އެމްޑީޕީގެ ކައުންސިލަރުންނެވެ.

އޭނާ ވިދާޅުވީ ދިޓީވީން އިން މިމަހުގެ ދެ ވަނަ ދުވަހު ކިޔާފައިވާ ހަބަރަކީ ރަނގަޅަށް މައުލޫމާތު ސާފުނުކޮށް ފަތުރާފައިވާ ދޮގު ހަބަރެއް ކަމަށެވެ.

"މުވައްޒިފުން ހިތްހަމަ ނުޖެހިފައި ތިބިވާހަކަ. އަދި ރައީސް އާއި ނައިބު ރައީސް ފިޔަވާ ދެން ތިބި ކައުންސިލަރުން އޮފީހަށް ނުނިކުންނަ ވާހަކަ. މިއީ ދޮގު ވާހަކަ. އަޅުގަނޑުމެން އޮފީހަށް ސަލާމުގައި ތިބި ދެ މުވައްޒިފުން ނޫން އެންމެން ބަރާބަރަށް އޮފީހަށް ނުކުމޭ. އަދި ކައުންސިލަރުން ބަރާބަރަށް އޮފީހަށް އާދޭ. އެއްވެސް މުވައްޒިފަކު ހިތްހަމަ ނުޖެހިގެންވެސް ނޫޅެ،" އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލްގެ ރައީސް އާދިލް ވިދާޅުވި އެވެ.

ވެލިދޫ ކައުންސިލްގެ އިދާރާގެ މަސައްކަތް ހުއްޓިއްޖެ ކަމަށްބުނެ ދިޓިވީން ފޮނުވި އެ ހަބަރާއި ގުޅޭގޮތުން އެ ސްޓޭޝަންގެ އެޑިޓަރު މިދުހަތު އާދަމް މިއަދު ވިދާޅުވީ ވެލިދޫ ކައުންސިލްގެ އިދާރާއިން އެ ހަބަރަށް މައުލޫމާތު ދިން ފަރާތެއްގެ މައުލޫމާތު ހޯދުމަށް ލިޔުމެއް ވެސް ކައުންސިލްގެ ރައީސް ސޮއިކުރައްވާ ފޮނުވާފައިވާ ކަމަށާއި ނަމަވެސް އެ ހަބަރަށް މައުލޫމާތު ދިން ފަރާތެއްގެ މައުލޫމާތު ދެވެން ނޯންނާނެ ކަމަށް ދަންނަވާފައި ވާނެކަމަށެވެ.

"އަޅުގަނޑަށް ފޯނުން ވެސް އަދި ލިޔުމަކުން ވެސް ކައުންސިލުން އެދުނު އެ ފަރާތެއްގެ މައުލޫމާތު ހާމަކުރުމަށް އެކަމަކު އަޅުގަނޑު ދެންނެވިން އެ މައުލޫމާތު ދިން ފަރާތް ސިއްރު ކުރާނަމޭ. މިކޮޅުން ނުބުނަން އެމްޑީޕީ ކައުންސިލަރެއް ނޫނޭ މައުލޫމާތު ދިނީ އަކީ. އެބޭފުޅުން އަޅުގަނޑުމެން ކައިރިން ވަރަށް ގިނައިން މަސްދަރު ހާމަކުރުމަށް އެދުނު،" އެޑިޓަރު މިދުހަތު ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބުނަނީ މީޑިއޔާގައި ޝާއިއު ކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަ ކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށެވެ.