ލަންޑަން (އޭޕްރިލް 13): މި އަހަރުގެ ފެބްރުއަރީ މަހު މިސްރުގެ ރައްޔިތަކު ވަނީ އެގައުމުގެ ރައީސް، އަބްދުލް ފައްތާހު އައް ސީސީ ވިއްކާލަން އީބޭގައި ޖަހާފަ އެވެ. ހަމަ އެގޮތަށް، މިހަފްތާ ތެރޭގައި އިނގިރޭސިވިލާތުގެ ރައްޔިތަކު ވަނީ އެގައުމުގެ ބޮޑުވަޒީރު، ޑޭވިޑް ކެމެރަން ވިއްކާލަން އީބޭގައި ޖަހައިފަ އެވެ.

އީބޭގެ "ބުދާއި ރީތި ކުރާ ސާމާނު" ވިއްކާ ސެކްޝަންގައި ބޮޑުވަޒީރު ކެމެރަން ވިއްކަން ޖަހާފައި ވަނީ "ބޭނުން ކުރުމަށް ފަހު ބޭނުން ކެނޑިފައިވާ" އަދި "މަސައްކަތް ނުކުރާ" ސާމާނެއްގެ ގޮތުގަ އެވެ. އިއްޔެ އީބޭ އިން އެ އިޝްތިހާރު ނެގުމުގެ ކުރިން ކެމެރަން ވިއްކާ އަގު ވަނީ 94،000 ޑޮލަރަށް އަރައިފަ އެވެ.

އީބޭގައި ކެމެރަން ވިއްކާލަން މަސައްކަތް ކޮށްފައި ވަނީ އިނގިރޭސިވިލާތުގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތެއް ކަމަށްވާ ނިކޮލަސް ވިލްސަން އެވެ. ބޮޑުވަޒީރު ވިއްކާލައިގެން ލިބޭ ފައިސާ ހަރަދު ކުރާނީ އިނގިރޭސިވިލާތުގެ ބޭންކެއް ކަމަށްވާ "އެޗްއެސްބީސީގެ ހިޔާނާތުގެ މައްސަލަ އާއި ކެމެރަން ފޮރުވަން އުޅޭ [ހިޔާނާތުގެ މައްސަލަ] ފަޅާ އަރުވާލަން،" ކަމަށް ވިލްސަން ބުންޏެވެ.

ވިލްސަންގެ އިތުރުން އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ކެމެރަން އަށް ފާޑު ކިޔަމުންނެވެ. އެގޮތުން، ބޮޑުވަޒީރު ކަމުން ކެމެރަން އިސްތިއުފާ ދެއްވުމަށް ގޮވާލާފައިވާ ޕެޓިޝަނަކަށް މިހާރު ވަނީ 144،045 ސޮއި ލިބިފަ އެވެ. އިނގިރޭސިވިލާތުގެ ޕެޓިޝަނަކަށް 100،000ށް ވުރެ ގިނަ ސޮއި ލިބިއްޖެ ނަމަ އެ މައްސަލައާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރެވޭނެ އެވެ. (އާރްޓީ)