ވެލާ ކަހަނބު ހިމާޔަތްކޮށް އެ ތަކެއްޗަށް ރައްކާތެރި މާހައުލެއް ގާއިމު ކުރުމާ ގުޅޭ ގޮތުން ހޭލުންތެރި ކުރުވުމުގެ ފެސްޓިވަލެއް ލ. މާވަށުގައި ބާއްވަން ނިންމައިފި އެވެ.

ލ އަތޮޅުގައި އޮންނަ ސިކްސް ސެންސަސް ލާމު އިން ރިސޯޓާއި ފުލުހުން ގުޅިގެން "ޓާޓަލްސް އިން ލާމު- ސޭފް އެންޑް ޕްރޮޓެކްޓެޑް" ގެ ނަމުގައި ބާއްވާ އެ ފެސްޓިވަލް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ ފެސްޓިވަލްގެ މަގްސަދަކީ، ވެލާ ކަހަނބު ހިމާޔަތް ކުރުމާ ގުޅޭ ގޮތުން ހޭލުންތެރި ކުރުވުމާއެކު، ގާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ ވެލާ ކަހަނބުގެ ބާވަތްތައް ނަގައި އެއިން ވިޔަފާރި ކުރުމާއި ކެއުން ބުއިމުގައި އެތަކެތި މަދުކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

މާވަށުގައި ބާއްވަން ނިންމަފައިވާ އެ ފެސްޓިވަލުގައި އެ އަތޮޅުގެ ހަ ސުކޫލެއްގެ ދަރިވަރުންނާއި ޓީޗަރުން އަދި ފުލުހުންގެ އިތުރުން އެ އަތޮޅުގެ އެކިއެކި މުއައްސަސާތަކުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެގޮތުން 500-600 އާއި ދެމެދުގެ އަދަދެއް މީހުން އެ ފެސްޓުވަލްގައި ބައިވެރިވާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ފުލުހުން ބުނެ އެވެ.