13 Apr 2016, 11:44
ތ. އަތޮޅު (ކޮޅުމަޑުލު) ކައުންސިލުގެ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ވިލިފުށި ބަލިކޮށް، ހިރިލަންދޫ ޗެމްޕިއަންކަން ހޯދައިފި އެވެ.
ދިޔަމިގިލީގައި ކުރިއަށްދާ އެ މުބާރާތުގެ ފައިނަލުގައި ވިލުފުށި އަތުން ހިރިލަންދޫ މޮޅުވީ 3-1 ސެޓުންނެވެ.
އިއްޔެ ހަވީރު ކުޅުނު ފައިނަލު މެޗުގެ ފުރަތަމަ ސެޓު 25-18 އިން ހިރިލަންދޫ ގެންދިޔަ ނަމަވެސް، 23-25 އިން ވިލުފުށިން ދެވަނަ ސެޓު ގެންގޮސް އުންމީދު އާކުރި އެވެ. ހިރިލަންދޫއިން މެޗުގެ ފަހު ދެ ސެޓު ގެންދިޔައީ 25-18 އަދި 26-24 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހިރިލަންދޫ ޓީމުގެ ގައުމީ ޓީމު ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

ތ. އަތޮޅު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ހިރިލަންދޫ އާއި ވިލިފުށި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-1 ސެޓުން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ ހިރިލަންދޫ --
ފައިނަލް މެޗަށްފަހު ވަނަ ވަނައަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ތަށްޓާއި އިނާމު އަދި ސެޓްފިކެޓް ހަވާލުކޮށްފައިވެ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފައިނަލް މެޗުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާ ކުޑަކާއްޓޭ އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ސާވަރަކަށް ވިލުފުށި ޓީމުގެ މުހައްމަދު ނައީމް ހޮވުނު އިރު، އެންމެ މޮޅު ސެޓަރަކަށް ހޮވުނީ ހިރިލަންދޫގެ އަލީ ވަހީދު އެވެ. އެންމެ މޮޅު ސްޕައިކަރަކަށް ހިރިލަންދޫގެ ކުޑަކާއްޓޭ ހޮވުނު އިރު، އެންމެ މޮޅު ބްލޮކަރަކަށް ހޮވުނީ މަޑިފުށީގެ ބިދޭސީ ކުޅުންތެރިޔާ ޕްރަމޭޝް ޕްރަޝައްނަ އެވެ.
އެ މުބާރާތުގެ އެންމެ މޮޅު ޑިގަރަކަށް ހިރިލަންދޫގެ އަޝްފާގު އާދަމް (އައްކަޅޭ) ހޮވުނު އިރު، އެންމެ މޮޅު ލިބެރޯއަކަށް ހޮވުނީ ހިރިލަންދޫގެ މުހައްމަދު އަމީން އެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔަކަށް ވިލިފުށީގެ މުހައްމަދު ޝާއިން ހޮވުނު އިރު، މުބާރާތުގެ އެންމެ ފައިދާހުރި ކޯޗަކަށް ހޮވުނީ ހިރިލަންދޫގެ ކޯޗު އަހްމަދު ނިޒާމް އެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ޗެމްޕިއަންކަން ހޯދި ހިރިލަންދޫ ޓީމެވެ.
ތ. އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން މަޑިފުށި ބަލިކޮށް، ހޯދާފައިވަނީ ދިޔަމިގިއްޔެވެ.