13 Apr 2016, 11:43
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ އާއިލީ ދެ ކުންފުންޏަކުން ދައުލަތަށް ލިބެންޖެހޭ 2.1 މިލިއަން ޑޮލަރު ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްއެމްޕީއާރްސީ އަށް އަންގައިފި އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެމްޕީއެލް އަށް ޑޮލަރު ގަތުމަށް އަދީބުގެ އާއިލީ ކުންފުންޏަކަށް ދޫކޮށްފައިވާ ފައިސާގެ ތެރެއިން މިހާތަނަށް އެމްއެމްޕީއާރްސީއަށް ލިބިފައި ވަނީ 1.5 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެ މުއާމަލާތުން އެމްއެމްޕީއާރްސީއަށް އެއް މިލިއަން ޑޮލަރު ލިބިފައިނުވާތީ އެ ފައިސާ ހޯދުމަށް އެމްއެމްޕީއާރްސީ އަށް އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެމްޓީޑީސީން އެއް މިލިއަން ޑޮލަރު ހޯދުމަށްފަހު ފައިނޭންޝަލް ޗާޖާއެކު އަނބުރާ ދައްކާ ގޮތަށް އަދީބުގެ އާއިލީ ކުންފުންޏަކަށް ދީފައިވާ 1.1 މިލިއަން ޑޮލަރު އަދިވެސް ލިބިފައިނުވާތީ އެފައިސާ ހޯދުމަށް ވެސް އެމްއެމްޕީއާރްސީ އަށް އަންގާފައިވާ ކަމަށެވެ.
ޑޮލަރުގެ އެ މުއާމަލާތް ކުރި އިރު އެމްއެމްޕީއާރްސީގެ ޑިރެކްޓަރުންގެ ބޯޑާ މަޝްވަރާކޮށް ހުއްދަ ހޯދާފައި ނުވާކަން ފާހަގަ ކުރެވޭތީ ކުރިއަށް އޮތްތަނުގައި ފައިސާ އާއި ވިޔަފާރިއާ ގުޅޭ ބޮޑެތި މުއާމަލާތްތައް ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދާ އެއްގޮތަށް ބޯޑުން ނިންމައިގެން ނޫނީ ނުކުރުމަށް ވެސް އޭސީސީން ވަނީ އެމްއެމްޕީއާރްސީ އަށް އަންގާފައެވެ.
އޭސީސީން ބުނީ އެމްއެމްޕީއާރްސީން ކޮށްފައިވާ ޑޮލަރުގެ މުއާމަލާތުގައި ކުންފުނީގެ އުސޫލުތަކާއި ބެސްޓު ޕްރެކްޓިސްއާ ޚިލާފަށް ކަންތައްތައްކޮށްފައިވާ ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެކުންފުނީގެ އެކައުންޓްސް ޑިޕާޓްމަންޓުގެ މަސައްކަތް އެންމެ ފުރިހަމަގޮތުގައި ކޮށްފައިނުވާކަން ފާހަގަ ކުރެވޭތީ ކުރިއަށް އޮތްތަނުގައި އެމްއެމްޕީއާރްސީގެ މަސައްކަތް ކުރުމުގައި ކުންފުނީގެ ޕްރޮސީޖާ ތަކާއި ބެސްޓު ޕްރެކްޓިސްއާ އެއްގޮތަށް ދެ ފުށް ފެންނަ ގޮތަށް ކުރުމަށް ވެސް އޭސީސީން ވަނީ އަންގާފައެވެ.