13 Apr 2016, 12:23
ހުސްވި މާޗު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ބަލައިގެންފައިވާ އާމްދަނީ 13.7 ޕަސެންޓު ދަށްވެފައިވާ ކަމަށް އެ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މީރާ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މާޗު މަހު މީރާއަށް ބަލައިގަނެފައި ވަނީ 1.10 ބިލިއަން ރުފިޔާ އެވެ. މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަނެފައި ވަނީ 52.5 މިލިއަން ޑޮލަރެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މާޗު މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އިންނެވެ. އެގޮތުން މާޗު މަހު ޖީއެސްޓީގެ ގޮތުގައި 562 މިލިއަން ރުފިޔާ މީރާ އަށް ބަލައިގެންފައިވާ ކަމަށް އެ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓުއަރިޒަމް ލޭންޑް ރެންޓުގެ ގޮތުގަ އެވެ. ޓުއަރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 277.5 މިލިއަން ރުފިޔާ ލިބުނު އިރު، ޓުއަރިސްޓުންގެ އަތުން ނަގާ ގްރީން ޓެކްސްގެ ގޮތުގައި 66.1 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
އޭގެ އިތުރުން ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 64.1 މިލިއަން ރުފިޔާ އަދި އެއާޕޯޓު ސާރވިސް ޗާޖުގެ ގޮތުގައި 43.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.