ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލިކަމުގެ ދައުވާ ލިބޭ އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ ނަފްސާނީ އެއްވެސް މައްސަލައެއް ނެތް ކަމަށް ދައުލަތުން ބުނެފި އެވެ.

އާފިޔާގެ މައްޗަށް އުފުލާފައިވާ ގަސްތުގައި ކުއްޖަކު މެރި ކަމުގެ ދައުވާގެ ޝަރީއަތުގައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން މިއަދު ޝަރީއަތުގައި ބުނެފައި ވަނީ އާފިޔާގެ ނަފްސާނީ މައްސަލައެއް ނެތް ކަމަށް ދެއްކީ ދައުލަތުން ހެދި ޓެސްޓުތަކުން ކަމަށެވެ.

އާފިޔާގެ މައްސަލާގައި މީގެ ކުރިން ދެ އަޑު އެހުމެއް ބޭއްވުމަށްފަހު މައްސަލަ މަޑުޖައްސާލާފައި ވަނީ ދައުލަތުން އެދިގެންނެވެ.

އާފިޔާގެ މައްޗަށް ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާ އުފުލާފައި ވަނީ އިބްތިހާލު ނޭވާ ހާސްކުރުމުގެ ގޮތުން އޭނާގެ ކަރަށް ފިތާ، ފައިން ޖަހާ އަނިޔާ ކުރުމުގެ ސަބަބުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މެންދުރު 12:00 އެހާ ކަންހާއިރު އިބްތިހާލު މަރުވެފައި ވާތީ ކަމަށް ބުނެ އެވެ.

ދައުލަތުގެ ވަކީލާ މިއަދު ވިދާޅުވީ މައްސަލަ މަޑުއްޖައްސާލަން އެދުނީ އާފިޔާގެ ނަފްސާނީ ބައްޔެއް ހުރިތޯ ބެލުމަށް ހަދަން ޖެހޭ ޓެސްޓުތައް ހެދުމަށް ކަމަށާއި ޓެސްޓުތަކުން އާފިޔާ ހޭބުއްދި ފިލާދާފަދަ އެއްވެސް ބައްޔެއް ނެތްކަމަށް ދައްކާފައިވާ ކަމަށެވެ. އެހެންކަމުން އާފިޔާގެ މައްޗަށް އުފުލާފައިވާ ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަަމަށް ގަބޫލު ކުރާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އާފިޔާގެ ފަރާތުން މީގެ ކުރިން ކޯޓުގައި ވަކާލާތު ކުރި އާއިޝަތު އާޒިމާ ޝުކޫރު މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެފައެއް ނުވެ އެވެ. ގާޒީ މުހުތާޒު ފަހުމީ ވިދާޅުވީ އާޒިމާ ކޯޓުތަކުގައި ވަކާލާތުކުރާ ހުރިހާ މައްސަލައަކުން ތަނާޒުލްވެފައިވާ ކަމަށް ބުނެ އޭޖީ އޮފީހުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީގައިވާ ގޮތުން އާޒިމާ ކޯޓުތަކުގައި ވަކާލާތުކުރުން ހުއްޓާލާފައި ވަނީ ދައުލަތުގެ މަތީ މަގާމެއްގައި ހުރުމުން ކަމަށް ގާޒީ ވިދާޅުވި އެވެ.

އާޒިމާއަކީ ރައީސް އޮފީހުގެ ލީގަލަ އެފެއާޒް މިނިސްޓަރެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އާފިޔާ ބުނީ ވަކީލަކު ބޭނުން ނުވާ ކަމަށެވެ. އެކަމާއި ގުޅިގެން ދައުލަތުން ވެސް އަދި ގާޒީވެސް ވަނީ ތަކުރާރުކޮށް ވަކީލަކު ބޭނުންވޭތޯ ސުވާލުކޮށްފަ އެވެ. އާފިޔާ ބުނީ ބޭނުންވަނީ "ވަކީލަކާ ނުލައި ކުރިއަށް ދާން" ކަމަށެވެ. އެއީ ކީއްވެގެންތޯ ގާޒީ ސުވާލުކުރުމުން އާފިޔާ ބުނީ "ކަމެއްނުވޭ" ކަމަށެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ މައްސަލާގައި ދައުލަތުގެ ފަރާތުން ވަރަށް ގިނަ ކަންކަން ހުށަހަޅަން ހުރުމުން ފަހުން ވެސް އާފިޔާ ވަކީލަކު ބޭނުން ނުވާނެތޯ ސާފުކޮށްލަން ބޭނުންވާ ކަމަށެވެ. އޭގެ ޖަވާބަކަށްވެސް އާފިޔާ ބުނެފައި ވަނީ "ހަމަ ވަކީލަކު ބޭނުން ނޫން" ކަމަށެވެ.

ގާޒީ މުހުތާޒު ވިދާޅުވީ އާފިޔާ ބޭނުންނަމަ ވަކީލަކު އައްޔަން ކުރުމަށް އަދި ފުރުސަތު ދެވިދާނެ ކަމަށެވެ. ނަމަވެސް ވަކީލަކު ބޭނުން ނޫން ކަމަށް ބުނެ ދައުވާ ލިބޭ ފަރާތުން އިންކާރު ކުރާނަމަ ވަކީލަކު ހައްމަޖައްސައި ދިނުމުގެ އުސޫލެއް ކޯޓުން ނުގެންގުޅޭ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ. އެ މައްސަލާގައި މީގެކުރިން ބޭސްވި ޝަރީއަތުގެ މަޖިލީހުގައި އާފިޔާ ވަނީ އިބްތިހާލް މަރާލި ކަމަށާއި އަނިޔާ ކުރި ކަމަށް އެއްބަސްވެފަ އެވެ.

އާފިޔާ ބުނެފައި ވަނީ އޭނާގެ މަންމަ ކައިރިން ދަރިފުޅު އޭނާގެ ކައިރިއަށް ބަދަލު ކުރި ދުވަހުން ފެށިގެން އަނިޔާ ކުރި ކަމަށާއި، އަނިޔާ ކުރީ "އެއީ ބައްޕަ ނެތް ކުއްޖަކަށް ވާތީ" ކަމަށެވެ. އަދި ރުޅި އަންނަ ކޮންމެ ފަހަރަކު އިބްތިހާލަށް އަނިޔާ ކުރާ ކަމަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި އާފިޔާ ވަނީ ބުނެފަ އެވެ. އާފިޔާއާ ދެކޮޅަށް ދައުލަތުން ހެކި ހުށަހެޅުމަށް އިތުރު ފުރުސަތެއް ދޭނެ ކަމަށް ބުނެ މިއަދުގެ ޝަރީއަތުގެ މަޖިލީސް ވަނީ ނިންމާލާފަ އެވެ. އާފިޔާ މިއަދު ކޯޓަށް ހާޒިރުކޮށްފައި ވަނީ ފަހަތަށް ބިޑި އަޅުވައިގެންނެވެ.