13 Apr 2016, 10:52
އެމްޕީއެލްއަށް ފަސް މިލިއަން ޔޫއެސް ޑޮލަރު ހޯދުމުގެ ގޮތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ އާއިލާގެ ބޭފުޅުންގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް އެޑްވާންސްކޮށް ފައިސާ ދިން މައްސަލާގައި އަދީބުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެމްޕީއެލް އަށް ފަސް މިލިއަން ޑޮލަރު ހޯދުމުގެ ގޮތުން ޕްރައިވެޓު ކުންފުންޏަކަށް އެޑްވާންސްކޮށް ގިނަ އަދަދެއްގެ ފައިސާ ދީފައިވާ ކަމަށެވެ. އަދި އެމްޓީޑީސީން ލޯނުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ހޯދައިގެން އެ ފައިސާ އަނބުރާ ދައްކާ ގޮތަށް އިތުރު ޕްރައިވެޓު ކުންފުންޏަކަށް ދީފައިވާ ކަމަށާއި ފައިސާ ދިނުމުގައި އެ ދެ ކުންފުނީގެ މާލީ ގާބިލްކަން ހުރި މިންވަރު ބަލާފައިނުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ދެ ކުންފުންޏަށް އެޑްވާންސްކޮށް ގިނަ އަދަދެއްގެ ފައިސާ ދިނުމުގައި އެމްއެމްޕީއާރްސީ އަށް އަނބުރާ އެ ފައިސާ ލިބުމުގައި އޮތް ރިސްކަށް ރިއާޔަތްކޮށްފައިނުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީ ހިންގުމުގައި ސަރުކާރުގެ ފަރާތުން އިސްކޮށް ހުންނަ ފަރާތަކީ އޭރުގެ ޓޫރިޒަމް މިނިސްޓަރު ކަމަށް ސަރުކާރުން ހަމަޖައްސާފައިވާ އިރު، އެމްއެމްޕީއާރްސީން އެމްޕީއެލް އަށް ޑޮލަރު ހޯދައިދިނުމާ ގުޅޭ ގޮތުން އެމްއެމްޕީއާރްސީގެ ފަރާތުން ކުރި މަޝްވަރާތަކުގައި އިސްކޮށް ހުންނެވީ އޭރުގެ ޓޫރިޒަމް މިނިސްޓަރަށް ހުންނެވި އަހުމަދު އަދީބު ކަމަށެވެ.
ޑޮލަރުގެ ބޮޑު މުއާމަލާތްކުރެވޭ ފަދަ މާލީގޮތުން ގާބިލް ކުންފުނިތައް ރާއްޖޭގައި ހުރި އިރު، ފައިސާގެ އެވަރުގެ ބޮޑު މުއާމަލާތެއް ހިންގުމަށް އެ ޕްރައިވެޓު ދެކުންފުނި ހޮވުނީ ކޮން އުސޫލަކުން ކިހިނެތްކަން އެނގެން ނެތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ދެ ކުންފުނީގެ ތެރެއިން އެއްކުންފުންޏަކީ އަދީބާ އާއިލީގޮތުން ގުޅުން އޮތް ފަރާތެއް ހިއްސާވާ ކުންފުންޏަކަށްވާ އިރު، އަނެއް ކުންފުންޏަކީ ކުރިން އަދީބާއި އޭނާގެ ބައްޕަގެ ހިއްސާ އޮތް ކުންފުންޏެއް ކަމަށާއި މިހާރު އެކުންފުނީގެ ހިއްސާދާރުންނަކީ އަދީބުގެ ދެބެއިންގެ ދެދަރި ބައެއް ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.
"އެމްއެމްޕީއާރްސީން އެ ދެ ކުންފުންޏާއެކު ޔޫއެސް ޑޮލަރުގެ މުއާމަލާތްކޮށްފައި ވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ އިރުޝާދުގެ ދަށުން އޭނާގެ މަސްލަހަތު އޮތް ދެކުންފުންޏަށް މާލީ ފައިދާ ލިބޭ ގޮތަށް އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެގޮތުންކަން ސާބިތުކުރެވޭ މިންވަރަށް މި ކޮމިޝަންގެ ތަހުގީގަށް ހެކި ލިބިފައިވާތީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 25 ބަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވޭ މައްސަލައެއް ކަމުގައި ކަނޑައަޅައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.