13 Apr 2016, 10:55
ހޮންގްކޮންގްގެ އެއާލައިން "ކެތޭ ޕެސިފިކް"ގައި، ރާއްޖެއިން ތަފާތު ނުވަ މަންޒިލަކަށް ދަތުރުކުރާ ދިވެހީންނަށް އެ އެއާލައިނުން ޚާއްސަ އަގުތަކެއް ކަނޑައަޅައިފި އެވެ.
ކެތޭ ޕެސިފިކްއިން ބުނާ ގޮތުގައި، މާލެއިން މެލޭޝިއާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި އޮސްޓްރޭލިޔާގެ ތަފާތު މަންޒިލުތަކަކަށް ދަތުރުކުރާ ދިވެހީންނަށް ޚާއްސަ އަގުތަކެއް ކަނޑައަޅާފައިވާ އިރު، މި ޕްރޮމޯޝަނަލް ފެއާގެ ބޭނުން ހިފަން ބޭނުން ނަމަ މިހިނގާ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ކުރިން ޓިކެޓު ނަގަން ޖެހެ އެވެ. އަދި ނަގާ ޓިކެޓުގައި 31 ޖުލައި ގެ ކުރިން ދަތުރު ކުރަން ޖެހެ އެވެ.
ކެތޭ ޕެސިފިކްއިން ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، މާލޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މެލޭޝިއާގެ ކުއަލަލަމްޕޫރަށް ދެކޮޅު ޓިކެޓު 458 ޑޮލަރަށް ލިބޭނެ އެވެ. އަދި މާލެއިން ތައިލެންޑްގެ ބެންގްކޮކަށް ދެކޮޅު ޓިކެޓު 462 ޑޮލަރަށް ލިބޭނެ އެވެ. ފިލިޕީންސްގެ ސޭބޫއަށް 494 ޑޮލަރަށް ދެކޮޅު ޓިކެޓު ލިބޭ އިރު މާލެއިން، އެގައުމުގެ ވެރިރަށް މެނީލާއަށް ކެތޭ ޕެސިފިކްއިން ދަތުރުކުރުމަށް 506 ޑޮލަރަށް ދެކޮޅު ޓިކެޓު ލިބެ އެވެ.
ޗައިނާގެ ދެ މަންޒިލު ޝަންގްހާއީ އާއި ބެއިޖިންގއަށް ދަތުރުކުރާ ދިވެހީންނަށް ދެކޮޅު ޓިކެޓު، ކެތޭ ޕެސިފިކްއިން ހުށަހަޅަނީ 829 ޑޮލަރަށެވެ. އަދި އޮސްޓްރޭލިއާގެ މެލްބަންއަށް 1،103 ޑޮލަރަށް ދެކޮޅު ޓިކެޓު ލިބޭ އިރު ސިޑްނީއާއި ބްރިސްބޭނަށް ދަތުރުކުރުމަށް 1،117 ޑޮލަރަށް ދެކޮޅު ޓިކެޓު ލިބޭނެ އެވެ.
ކެތޭ ޕެސިފިކްއިން ބުނާ ގޮތުގައި، ރާއްޖެއިން ދަތުރު ކުރާ ބޭރު ގައުމުތަކުގެ މީހުން، މި ޕްރޮމޯޝަނަލް ފެއާގެ ދަށުން ޓިކެޓުގެ ފައިސާގެ އިތުރުން އިތުރު 13 ޑޮލަރު ވެސް ދައްކަން ޖެހެ އެވެ.
ކެތޭ ޕެސިފިކް އެއާވޭސް ރާއްޖެއަށް ފްލައިޓު އޮޕަރޭޓު ކުރަން ފެށީ 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އޭގެ ފަހުން، އެ އެއާލައިނުން އަންނަނީ ރާއްޖެއާއި ހޮންގކޮންގްއާ ދެމެދު ހަފްތާއަކު ސީދާ ހަތަރު ދަތުރު ކުރަމުންނެވެ.
ކެތޭ ޕެސިފިކްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ މެނޭޖާ ކާލީން ބާކްލީ ވިދާޅުވީ ރާއްޖެއަށް ޚާއްސަކޮށްގެން މިކަހަލަ ފެއާއެއް ތައާރަފު ކުރުމަކީ ކުރެވުނު ވަރަށް މުހިންމު ކަމެއް ކަމަށާއި، މިއީ ދުނިޔޭގެ ފާހަަކޮށްލެވޭ މަންޒިލުތަކަށް ދަތުރުކުރުމަށް ދިވެހީންނަށް ދެވުނު ވަރަށް ފަހި ފުރުސަތެއް ކަމަށެވެ.