ދައުލަތުގެ މީޑިއާ ދޫކޮށްލަން ސަރުކާރުން ބޭނުންވިޔަސް މިވަގުތު އެކަން އެ ގޮތަށް ކުރެވެން ނެތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ނޫސްވެރި ކަމުގެ މިނިވަން ކަމުގެ ދުވަސް ފާހަގަ ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމް ކޮށްގެން ރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާ އެއްގައި ނޫސްވެރިޔަކު ފާޅުކުރި ޝުޢޫރަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ދައުލަތުގެ މީޑިއާ ދޫކޮށްލަން ކަމަށެވެ. ނަމަވެސް އެކަން އެ ގޮތަށް މިވަގުތު ކުރެވެން ނެތް ކަމަށާއި ދައުލަތުގެ މީޑިއާ ހިންގަން ފުރިހަމަ ނިޒާމެއް ކަނޑައެޅިގެން ނޫނީ، ދައުލަތުގެ މީޑިއާ ދޫކޮށްލެވެން ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން )އެމްބީސީ( އަށް ދައުލަތުގެ މީޑިއާ ދޫކޮށްނުލައި ހިފަހައްޓާފައި ވަނީ ވަކި ފިކުރެއްގެ ބަޔަކު އެމްބީސީގެ ބޯޑުގައި ހިމަނާފައިވާތީ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތް ގާނޫނު އަސާސީ އަކީ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ނެތުމާއި ދެ ކޮޅަށް އައި ގާނޫނު އަސާސީ އެއް ކަމަށެވެ.
"އެ ގާނޫނު އަސާސީގެ ކޮންމެ ފޮޅުވަތެއް ވެސް ކޮންމެ ބަހެއް ވެސް، ކޮންމެ މާއްދާއެއް ވެސް ހުއްޓި ހުރީ އެ ދުވަހު އެތާ ތިބި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ އިހުސާސްތަކާ އެކީގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އާ ގާނޫނު އަސާސީގައި ހިމެނިފައިވަނީ އެ ގާނޫނު އަސާސީ ހަދަން އުޅުނުއިރު ކަންބޮޑުވި ކަންކަމަށް ކަމަށާއި އެއާހިލާފަށް މިހާރު ކަންބޮޑުވާން ޖެހިފައި ވަނީ މުޅިން އެހެން ކަންތައްތަކާ ހެދި ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަކީ ދައުލަތުގެ ހަތަރު ވަނަ ބާރު ކަމަށް ގަބޫލުކުރައްވާ ކަމަށާއި އަދި ސަރުކާރުން ބޭނުންވަނީ ނޫސްވެރިކަމުގެ މިނިވަންކަން އޭގެ ފުރިހަމަ ގޮތުގައި ދެމިއޮތުން ކަމަށް ވެސް ރޭ ރައީސް ވިދާޅުވި އެވެ.