ކަރާޗީ (އޭޕްރިލް 13): ޕާކިސްތާނުގެ އެންޓި ޓެރަރިޒަމް ކޯޓަކުން ބަލަމުން ދިޔަ މައްސަލައަކަށް ހެކީގެ ގޮތުގައި ހުށަހެޅި ގްރެނޭޑެއް ކޯޓު ތެރޭގައި ގޮވައި، ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.

ގާނޫނާ ހިލާފަށް ގޮވާ ޒާތުގެ ހަތިޔާރު ގެންގުޅުމު ދައުވާގައި ހައްޔަރުކޮށްފައިވާ މީހެއްގެ ޝަރީއަތަށް ހުށަހެޅި އެ ގްރެނޭޑް ގޮވީ، އޭތި މަސައްކަތް ކުރާ ގޮތް ދައްކަން ފުލުހަކު މަސައްކަތް ކުރުމުން ކަމަށް ކޯޓުގެ ބައެއް މުވައްޒަފުން ބުންޏެވެ.

"ފުލުހުން ވަނީ މައްސަލައިގެ ހެކީގެ ގޮތުގައި ބައެއް ގޮވާ ތަކެތި ކޯޓަށް ހުށަހަޅާފަ. އޭގެ ތެރެއިން ހޭންޑް ގްރެނޭޑް ގޮވީ ފުލުހަކު އޭނާގެ ބަޔާން ދޭން ހުއްޓާ. އޭގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވި،" މަންޒަރު ދުށް ފަރާތްތަކުން ބުންޏެވެ.

އެ ހާދިސާގައި އަނިޔާވި ދެ ފުލުހުންނަށާއި ކޯޓުގެ ދެ އޮފިޝަލުންނަށް ހޮސްޕިޓަލަކުން މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ކޯޓުގައި ބޮން ގޮވި ފަހުން ޕާކިސްތާނުގެ ބޮމް ޑިސްޕޯޒަލް ސްކުއެޑުން ވަނީ އެސަރަހައްދު ފާސްކޮށް، ކޯޓުގައި ހުރި ގޮވާ ޒާތުގެ ހުރިހާ އެއްޗެއް ނަގާފަ އެވެ. އަދި ކޯޓަށް ހުށަހަޅާ އެހެން ގޮވާ ޒާތުގެ ތަކެތި ފަދައިން، އެ ގްރެނޭޑް ޑިފިއުޒްކޮށްފައި ނުވަނީ ކީއްވެތޯ ބެލުމަށް ފުލުހުން ވަނީ ތަހުގީގެއް ފަށާފަ އެވެ. (ޕީޓީއައި)