އަށާރަވަނަ ރައްޔިތުންގެ މަޖިލީހަކީ "ބޮޑުވަރު" ކުރާ މަޖިލީހެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މަސީހު އެހެން ވިދާޅުވެ މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ އޮތީ ވަޒީފާއާ ބެހޭ ގާނޫނަށް ފައްޔާޒު ހުށަހެޅުއްވާފައިވާ އިސްލާހު ދިރާސާކޮށް ކޮމެޓީން ނިންމާފައިވާ ރިޕޯޓަށް ބަހުސް ކުރުމެވެ. އެ އިސްލާހަކީ ވަޒީފާއާ ބެހޭ މައްސަލަތައް ހުށަހެޅުމަށް އަތޮޅު ތެރޭ މީހުން މާލެ އަންނަން ޖެހޭތީ، އެކަން ހައްލު ކުރުމަށް މެޖިސްޓްރޭޓް ކޯޓުތައް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭނެ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހެކެވެ.

ކޮމެޓީ މަރުހަލާގައި އެ އިސްލާހާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމުން ސުޕްރީމް ކޯޓުން މަޖިލީހަށް އަންގާފައި ވަނީ އެ އިސްލާހަކީ ބާތިލް އިސްލާހެއް ކަމަށެވެ.

މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ އަތޮޅު ތެރޭގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތައް، ރަށުގައި ތިބެގެން ކޯޓުތައް މެދުވެރިކޮށް މާލޭގައި ހުންނަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި، އެ މައްސަތައް ބެލޭނެ ގޮތް ހެދުމަށް ހުށަހެޅުއްވީ ދައުލަތުގެ ބަޖެޓަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ ---- ސަން ފައިލް ފޮޓޯ

އޭނާ ވިދާޅުވީ އެ އިސްލާހު ހުށަހަޅުއްވަމުން ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކާ ވެސް އެކަމުގައި މަޝްވަރާކުރެއްވި ކަމަށެވެ. ފައްޔާޒު ވިދާޅުވީ އޭނާ ހުށަހެޅުއްވި އިސްލާހަކީ ބާތިލް އިސްލާހެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން ދޭހަވަނީ ރައްޔިތުންނަށް އަދުލު އިންސާފު ލިބޭ މަގުތައް ހަނިވަމުންދާކަން ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުއްވުމަށްޓަކައި މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސްގެން، އަލުން އަނބުރާ ވެސް ކޮމެޓީއަށް ނުގެންދެވޭނެ ގޮތަށް ރާއްވަވައިގެން ތިބޭފުޅުން ކަންތައް ކުރައްވާތަން. މިއީ ތަންކޮޅެއް ބޮޑުވަރު. މަޖިލީހުގެ އަމިއްލަ ބާރު އަމިއްލައަށް ދޫކޮށްލާ ދިވެހި ރައްޔިތުންގެ ހައްގުތައް ތި ކަނޑާލަނީ ތިބޭފުޅުންނަށް އެހެން ދުވަހެއް އަންނާނެކަން ގަބޫލު ނުކުރެއްވެނީތޯ. މިވަރުވީމަ ތަންކޮޅެއް ބޮޑުވަރު މިވަނީ އިނގޭތޯ،" ފައްޔާޒު ވިދާޅުވި އެވެ.

"މިއީ ބޮޑުވަރުވެސް ކުރާ މަޖިލީހެއް" ފައްޔާޒުގެ ވާހަކަފުޅަށް ރައްދު ދެއްވައި މަސީހު ވިދާޅުވި އެވެ.

މަސީހު ވިދާޅުވީ އޭނާ އެހެން ވިދާޅުވީ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހަށް ގިނަ ބާރުތަކެއް ދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ ވަރަށް ގިނަ ކަންތައްތައް ކުރުމުގެ ބާރު މަޖިލީހަށް ގާނޫނު އަސާސީން ދީފައިވާ ކަމަށެވެ.

"އެ ބާރުތައް ދީފައި މިއޮންނަނީ މަޖިލީހަށް. އިއްޒަތްތެރި މެމްބަރުން ބައްލަވާލެއްވީމަ އެނގިވަޑައިގަންނަވާނެ. އެހެންވީމަ އެ ވާހަކަ އަޅުގަނޑު މި ދެންނެވީ،" މަސީހު ވިދާޅުވި އެވެ.