ދެކުނު އޭޝިއާގެ ސަރަހައްދީ ސެޓެލައިޓުގެ ޚިދުމަތް ރާއްޖެއަށް ލިބެން ފެށުމުން، ރާއްޖޭގެ މަސްކަނޑުތަކުން ބޭރުގެ މަސްވެރިން މަސް ބޭނުމުގެ ކަންކަން ހުއްޓުވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

މި ހަފްތާގައި ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ، ދެކުނު އޭޝިއާގެ ސެޓެލައިޓުގެ އޯބިޓް ފްރީކުއެންސީ ކޯޑިނޭޝަނާ ބެހޭ އެއްބަސްވުމެއްގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފަ އެވެ.

ރައީސްގެ ދަތުރުފުޅާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މި އެގްރީމެންޓުގެ ދަށުން މަސްވެރިކަމާއި ރާއްޖޭގެ ގައުމީ ސަލާމަތަށް ވެސް ފައިދާ ކުރާނެ ކަމަށެވެ.

"މަސްވެރިކަމަށް ބެލިޔަސް، ބޭރުން އަންނަ އުޅަނދުފަހަރު ރާއްޖޭގެ ކަނޑުތަކުގައި ހުރި މަސްތައް ނެގުމުގެ ކަންކަމުން ސަލާމަތް ވެވޭނެ،" ޑރ. ޝައިނީ ވިދާޅުވި އެވެ.

މީގެ އިތުރުން ޝައިނީ ވިދާޅުވީ، އެ ސެޓެލައިޓުގެ ޚިދުމަތް ރާއްޖެއަށް ލިބެން ފެށުމުން ރާއްޖޭގެ ގައުމީ ސަލާމަތަށް ވެސް އެކަމުގެ ބޭނުން ހިފޭނެ ކަމަށެވެ.

"މި ރީޖަންގައި އަގުހެޔޮ ގޮތަކަށް ސެޓެލައިޓުގެ ޚިދުމަތް ލިބިގެން ދިއުމުން، މިކަމުން ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި ވެސް ވަރަށް ބޮޑު އެހީތެރި ކަމަކަށް ވެގެން ދާނެ،" ޝައިނީ ވިދާޅުވި އެވެ.

އިންޑިއާއަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގައި، ރާއްޖެއާ އެގައުމާ ދެމެދު ހަ އެގްރީމެންޓެއް ވަނީ ހެދިފަ އެވެ. އޭގެ ތެރޭގައި ވައިގެ ދަތުރުފަތުރުން ޑަބަލް ޓެކްސް ނެގުން ހުއްޓުވުމުގެ އެގްރީމެންޓަކާއި، ޓެކްސްއާ ބެހޭ މައުލޫމާތު ބަދަލުކުރުމުގެ އެގްރީމެންޓަކާއި، ރާއްޖޭގެ މިސްކިތްތައް ހިމާޔަތްކޮށް މަރާމާތުކުރުމާއި ރާއްޖޭގައި އެކިއެކި ދިރާސާ ހެދުމާއި ބެހޭ އެގްރިމެންޓަކާއި، ފަތުރުވެރިކަމުން ގުޅުން ބަދަހިކުރުމުގެ އެގްރީމެންޓަކާއި އަދި ރާއްޖޭގެ ޑިފެންސް އެކްޝަން ޕްލޭން އެކުލަވައިލުމުގެ އެގްރިމެންޓެކެވެ.