ޕެނަމާ ސިޓީ (އޭޕްރިލް 13): ދުނިޔޭގެ ބައެއް މަޝްހޫރު ޝަހުސިއްޔަތުންނަށް ޓެކްސް ދެއްކުމުގައި ހިޔާނާތްތެރިވުމަށް އެހީތެރިވެ ދީފައިވާ ކަމަށް ތުހުމަތު ކޮށްފައިވާ ޕެނަމާގެ ލޯ ފާމް، މޮސެކް ފޮންސެކާގެ މައި އޮފީހަށް ޕެނަމާގެ ފުލުހުން ވަދެ ފާސްކޮށްފި އެވެ.

ޕެނަމާގެ ޕްރޮސިކިއުޓަރުންނާ ގުޅިގެން އެގައުމުގެ ފުލުހުން އިއްޔެ މޮސެކް ފޮންސެކާގެ އޮފީސް ފާސް ކުރީ އެ އޮފީހުން ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވޭތޯ ބެލުމަށް ކަމަށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މޮސެކް ފޮންސެކާ ވުޖޫދަށް ގެނައި ރަމޯން ފޮންސެކާ ވަނީ އެކުންފުނިން ގާނޫނާ ހިލާފު ކަމެއް ކޮށްފައި ނުވާނެ ކަމަށާއި އެއްވެސް ލިޔެކިޔުމެއް ނައްތާލާފައި ނުވާނެ ކަމަށްވެސް މީގެ ކުރިން ވިދާޅުވެފަ އެވެ.

"ޕެނަމާ ޕޭޕާސް"ގެ ނަމުން މަޝްހޫރުވެފައިވާ މޮސެކް ފޮންސެކާގެ ސިއްރު ލިޔުންތައް ލީކު ވުމާ ގުޅިގެން، އެ ކުންފުނިން ހިދުމަތް ހޯދާފައިވާ މުއްސަނދި ފަރާތްތައް ނިސްބަތްވާ ގައުމުތަކުން މިހާރު ދަނީ އެބޭފުޅުން ގާނޫނާ ހިލާފު އަމަލުކޮށްފައިވޭތޯ ބެލުމަށް ތަހުގީގު ކުރަމުންނެވެ.

މޮސެކް ފޮންސެކާއިން ހިދުމަތް ހޯދާފައިވާ ދުނިޔޭގެ މަޝްހޫރު ޝަހުސިއްޔަތުންގެ ތެރޭގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ އަރިސް ފަރާތްތަކާއި، އިނގިރޭސިވިލާތާއި، ޕާކިސްތާނުގެ ބޮޑުވަޒީރުންނާއި، ޗައިނާ އާއި ޔޫކްރެއިންގެ ރައީސުންގެ އަރިސް ފަރާތްތައް ހިމެނެ އެވެ. (ރޮއިޓާސް)