ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ޕްރާންސްގެ ޕީއެސްޖީ ކޮޅަށް މެންޗަސްޓާ ސިޓީގެ ޒުވާން ފޯވާޑް ކެވިން ޑި ބްރޫނާ ޖެހި ގޯލާ އެކު 1-0ގެ ނަތީޖާ އަކުން ކުރި ހޯދައިގެން އެ މުބާރާތުގެ ސެމީ ފައިނަލަށް ފުރަތަމަ ފަހަރަށް ސިޓީ ދަތުރުކޮށްފި އެވެ.

ސީޓީން ސެމީ ފައިނަލްގެ ޖާގައެއް ހޯދާފައިވާއިރު މި ދެ ޓީމް ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗު ވަނީ 2-2ގެ ނަތީޖާ އަކުން އެއްވަރުވެފަ އެވެ. އެހެންކަމުން ސިޓީ ސެމީއަށް ދަތުރުކޮށްފައި ވަނީ 3-2ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު ނަތީޖާ ބަދަލުކޮށްލަން އެންމެ ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައީ ސިޓީ އަށެވެ. ނަމަވެސް ސިޓީގެ ސާޖިއޯ އަގުއެރޯ އަށް ޕީއެސްޖީގެ ކީޕަރު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަގުއެރޯ ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގްގައި މިރޭ ސިޓީ އާއި ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

އަގުއެރޯ އެ ޕެނަލްޓީ ބޭކާރު ކޮށްލިއިރު ފުރަތަމަ ހާފުގައި އޭނާ ވަނީ ޕީއެސްޖީގެ ގޯލަށް އިތުރު ދެ ހަމަލާ އެއް ވެސް ފޮނުވާލާފަ އެވެ. ނަމަވެސް އެ ދެ ހެމަލާ ވެސް ގޯލާ އަމާޒުވާގޮތެއް ނުވި އެވެ.

ސިޓީގެ އިތުރުން ފުރަތަމަ ހާފުގައި ޕީއެސްޖީ އަށް ވެސް ނަތީޖާ ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ޕީއެސްޖީއަށް ލިބުނު ހިލޭ ޖެހުމެއް ޒަލްޓަން އިބްރަހިމޮވިޗް ފޮނުވާލި ނަމަވެސް ސިޓީގެ ކީޕަރި ޖޯ ހާޓު ވަނީ ހުށިޔާރު ކަމާއި އެކު އެ ބޯޅަ އަތުން ޖައްސާ ގޯލުގެ މަތިން ބޭރުކޮށްލާފަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގްގައި މިރޭ ސިޓީ އާއި ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ނިމުނު އިރު ދެވަނަ ހާފް ފެށިގެން ޕީއެސްޖީން ވަނީ ސިޓީގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފަ އެވެ. ޕީއެސްޖީ އަށް ލިބުނު ކޯނަރެއް ސިޓީގެ ގޯލު ކުރި މައްޗަށް ހުރަސްކޮށްލި އިރު ތިއާގޯ ސިލްވާ ބޮލުން ފޮނުވާލި ނަމަވެސް ޖޯ ހާޓް ވަނީ އެ ބޯޅަ ވެސް ދިފާއު ކޮށްފަ އެވެ.

އެ މެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ގޯލު ބެލްޖިއަމްގެ ކެވިން ޑިބްރޫނީ ކާމިޔާބްކޮށްދިނީ ފެނާންޑޯ ޖައްސާލި ބޯޅައެއް ޕީއެސްޖީ ޕެނަލްޓީ އޭރިއާ ކުރިމަތީ ހުރު ކޮންޓްރޯލު ކޮށްލުމަށްފަހު ގޯލުގެ ކަނަށް ވައްދާލައިގެންނެވެ. މިއީ މި ސީޒަނުގައި އޭނާ ސިޓީއަށް ކާމިޔާބު ކޮށްދިން 15 ވަނަ ގޯލެވެ.

ޔުއެފާ ޗެމްޕިއަންސް ލީގްގައި މިރޭ ސިޓީ އާއި ޕީއެސްޖީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

އެ ގޯލަށް ފަހު ވެސް ދެ ޓީމުގެ ފަރާތުން ދާދި އެއްވަރުގެ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ޕީއެސްޖީގެ އެޑިސަން ކަވާނީ އަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެގެން ގޮސްފައެވެ. ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދަ ކަވާނީ ފޮނުވާލި އެ ހަމަލާ ސިޓީގެ ކީޕަރު ޖޯ ހާޓް ވަނީ ދިފާއު ކޮށްފައެވެ.

މިރޭގެ މެޗުން ބަލިވި ޕީއެސްޖީން މުބާރާތާއި އަލްވަދާއު ކިޔަން ޖެހުނު އިރު އެންމެ ފަހުން އެ ޓީމް މި މިބާރާތުގައި ކުޅުނު ހަތަރު ފަހަރު ވެސް ވަކިވާން ޖެހިފައިވަނީ ކުއާޓާ ފައިނަލާ ހަމައިންނެވެ.