ރާއްޖެއަށް އެތެރެކުރާ ޑީސަލްގެ އިމްޕޯޓް ޑިއުޓީން 50 ޕަސެންޓް ދަށް ކުރަން ސަރުކާރުން އިއްޔެ ނިންމައިފި އެވެ.

ސަރުކާރުން މިގޮތަށް ނިންމީ ދުނިޔޭގެ ބާޒާރުގައި ޑީސަލްގެ އަގު ބޮޑުވަމުންދިޔުމާ ގުޅިގެން، މިކަމާ ގުޅޭގޮތުން އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނީ ޑީސަލްގެ ޑިއުޓީން 50 ޕަސެންޓް މައާފުކުރަން ނިންމީ ޑީސަލްއަކީ، ރައްޔިތުންގެ ޒަރޫރީ ބޭނުމަށް އެތެރެކުރެވޭ އެއްޗަކަށްވާތީ ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ޑީސަލްގެ އަގު މަތިވަމުން ދިޔުމާ ގުޅިގެން، ޑީސަލްގެ އަގުތަކަށް ރާއްޖޭގައި ގެންނަންޖެހޭ ބަދަލުތައް ކުޑަކުރުމަކީ، މިވަގުތު މުހިންމު ކަމެއް ކަމުގައިވާތީ ކަމަށެވެ.

އެސްޓީއޯ އިން ރާއްޖެ އެތެރެކުރާ ޑީސަލްގެ އަގު މިއަހަރު ދެ ފަހަރެއްގެ މަތިން ވަނީ ބޮޑުކޮށްފަ އެވެ.