28 Apr 2010, 10:03
10:00
ސަރުކާރުގެ ވެލްފެއާ ފަންޑު އުވާނުލާކަމަށާއި، ހުސްވި އަހަރު އެކަނިވެސް އެ ފަންޑުން 40 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރ ޑރ.އައިމިނަތު ޖަމީލު ވިދާޅުވެއްޖެ އެވެ.
ބޭސް ފަރުވާއަށް އެދި ރާއްޖޭން ބޭރަށް ދިއުމަށް ގިނަ ބަޔަކު ހެލްތު މިނިސްޓްރީގައި ސަލާންޖަހަމުން ދާއިރު، އަދި އެމެޖެންސީގައި ބަލިމީހާއަށް ފަރުވާ ދޭންޖެހޭ ކަމަށް ޑޮކްޓަރ ވިދާޅުވެފައި ވީނަމަވެސް، ވެލްފެއަރ ފަންޑް އުވާލާފައިވާ ކަމަށް ބުނެ، ސަރުކާރުން އެހީ ނުދީ މަދަނަ ޕްރޮގްރާމްގައި ބައިވެރިވުމަށް އަންގަމުންގެންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޑރ.އައިމިނަތު ޖަމީލު ވިދާޅުވީ، ވެލްފެއާ ފަންޑުން ހުސްވި އަހަރު ހަރަދު ކުރި 40 މިލިޔަން ރުފިޔާގެ ތެރެއިން 26.2 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވަނީ ރާއްޖޭން ބޭރުން މީހުންނަށް ފަރުވާހޯދައިދޭން ކަމަށެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް 90 މީހަކަށް ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް ހަތްލައްކަ ރުފިޔާ ވެލްފެއާއިން ހަރަދުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.