އަމިއްލަ މީހާގެ މައްޗަށް ބިނާކޮށް ފިލްމެއް ހެދޭހާ ދިރިއުޅުން ޝައުގުވެރި ނޫން ކަމަށް ފިލްމީ ދާއިރާގައި ވޭތުވެ ދިޔަ 25 އަހަރު ހިދުމަތްކޮށްފައިވާ ބޮލީވުޑްގެ ސުޕާސްޓާ ޝާހް ރުކް ޚާން ބުނެފި އެވެ.

އިންޑިއާ ކްރިކެޓުގެ މަޝްހޫރު ތަރިން ކަމަށްވާ ސަޗިން ޓެންޑުލްކާ އަދި މަހިންދުރަ ސިންގް ދޯނީގެ މައްޗަށް ހަދާފައިވާ ފިލްމުތަކެއް ފަދައިން ފިލްމެއް ފެނިގެންދާން ބޭނުންވާ ކަމަށް އެހުމުން ޝާހު ބުނީ، އަހަރެންގެ ރޯލުން ސަޗިން ފެނިގެންދިއުމަށް އެދޭ ކަމަށެވެ.

"އަހަންނަކަށް ނޭނގެ. އަހަރެން އެހާ ރަނގަޅު ނޫންކަމަށް އިހުސާސްކުރެވެނީ. ދެންމެ ތިބުނި މީހުންގެ ދިރިއުޅުމަކީ ވަރަށް ހިތްގައިމު އަދި ކުލަގަދަ ދިރިއުޅުންތަކެއް. އަހަންނަކަށް ނޭނގެ އަހަރެންގެ މައްޗަށް ފިލްމެއް ހަދާހާ ޝައުގުވެރިވާނެ ހެންނެތް،" ކުރިއަށް އޮތް ފިލްމު، "ފޭން" ޕްރޮމޯޓްކުރުމަށް ބޭއްވި ހަފްލާއަކަށް ފަހު ޝާހު ބުންޏެވެ.

ޝާހު ބުނީ، އަމިއްލަ ދިރިއުޅުމުގެ މައްޗަށް ފިލްމެއް ހަދާ ނަމަ އޭނާގެ ރޯލުން ފެންނަން ބޭނުން ވަނީ އޭނާގެ ދެ ފިރިހެން ކުދިން ކަމަށްވާ އަބްރަމް އަދި އަރްޔާން ތެރެއިން އެކަކު ކަމަށެވެ.

މަނީޝް ޝަރުމާ ޑައިރެކްޓްކުރާ ފިލްމު، "ފޭން" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ.