13 Apr 2016, 10:15
ރައީސް ޔާމީން މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުވެގެން ގޮސްފައި ވަނީ ކާމިޔާބު ދަތުރުފުޅަކަށެވެ. ދެ ގައުމުގެ ވެރިންގެ ބައްދަލުވުންތަކަށް ފަހު ނަތީޖާ ފެނިގެންގޮސްފައި ވަނީ ވަރަށް އުންމީދީގޮތަކަށެވެ. ތަފްސީލީ ގޮތަކަށް އެ ދަތުރުފުޅަށް އަލި އަޅުވާލާނަމެވެ.
އެ ދަތުފުޅުގައި ހޯމަ ދުވަހުގެ ފުރަތަމަ ބޭއްވިގެން ދިޔަ ބައްދަލުވުމަކީ އެ ދުވަހު ހެނދުނު 10:30 ކަންހާއިރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސަވަރާޖު އާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައްދަލުކުރެއްވުމެވެ. އެ ބައްދަލުވުމުގައި ދެ ސަރުކާރުގެ އިސްއޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
އެ ބައްދަލު ކުރެއްވުމުގައި ރާއްޖެއިން ވަނީ އިންޑިއާއާ ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމަށް މަޝްވަރާކޮށްފަ އެވެ. ހަމައެއާ އެކު ތިރުވަނަންތަޕުރަމްގައި އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރެއް ޤާއިމުކުރެއްވުމުގެ ޝައުޤުވެރިކަން ދިވެހިރާއްޖެ އިން ވަނީ ފާޅުކޮށްފަ އެވެ.
އެ ބައްދަލު ކުރެއްވުމުގައި ރައީސް ވިދާޅުވީ މި ސަރުކާރުގެ ފަރާތުން އިންޑިއާ އާއި ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށާއި އިންޑިއަން އޯޝަންގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ސީމެގު ފިޔަވަޅުތަކުން ސަލާމަތްވުމަށް އިންޑިއާގެ އެހީއަށް އެދުނު
އެއަށްފަހު އެެ ދުވަހު މެންދުރު އޮތީ އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާއި ބައްދަލު ކުރެއްވުމެވެ. ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ހައިދަރުއާބާދު ހައުސްގައި ބޭއްވި މެންދުރުގެ ޖާފަތުގައި، ދެ ގައުމުގެ ސަރުކާރުގެ އިސް ވަފްދުގެ ބޭފުޅުން ވަނީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވަވާފަ އެވެ. އެ ބައްދަލުކުރެއްވުންތަކަށް ފަހު ދެ ބޭފުޅުން ވަނީ ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓެއް ދެއްވާފަ އެވެ.
އެ ސުޓޭޓްމެންޓުގައި މޯދީ ވިދާޅުވީ ރާއްޖޭގެ ކަންކަން އިންޑިއާއަށް ވަރަށް މުހިންމު ކަމަށާއި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ދެމިތިބޭނެ ކަމަށެވެ. ހަމައެއާއެކު އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ "އައިހެވަން" މަޝްރޫއުގައި ރާއްޖެއާ އެކު މަސައްކަތް ކުރުމަށް އިންޑިއާ އިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވި އެވެ.

މޯދީ އާއި ރައީސް ޔާމީން ޖޮއިންޓް ސްޓޭޓްމަންޓް ދެއްވަނީ-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ
ރައީސް ޔާމީން ވިދާޅުވީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)އިން ރާއްޖެއާ މެދު ބޭއިންސާފުން ފިޔަވަޅު އަޅަން ނިންމައިފި ނަމަ، އެކަން ހުއްޓުވުމަށް ނުވަތަ އެކަމުން ސަލާމަތް ވުމަށް އިންޑިއާގެ އެހީއަށް ރާއްޖެ އެދޭނެ ކަމަށެވެ.
"ސީމެގުން ރާއްޖެއަށް ބޭއިންސާފުން ފިޔަވަޅު އަޅަން ކުރިއަށް އޮތް ތަނުގައި ވެސް ނިންމައިފިނަމަ އަޅުގަނޑުމެން އިންޑިއާގެ އެހީއަށް އެދޭނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސީމެގުން ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ މައްސަލަތަކެއް ނަގައިގެން ބަލާނެ ކަމަށް ބެލެވޭ ކަމަށެވެ. ރާއްޖެ އަށް ބޮޑެތި އިގްތިސާދީ ބަދަލުތަކެއް މި ދަނޑިވަޅުގައި ސަރުކާރުން ގެންނަމުން ދިޔަ ނަމަވެސް، ހަމައެކަނި ބަދަލަކީ އެއީ ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެ އަށް މުހިންމު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެވުނު
ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާ އާދެމެދު ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފަ އެވެ. އެގޮތުން ހަ އެއްބަސްވުމެއްގައި ދެ ގައުމު ދެމެދު ވަނީ ސޮއިކުރައްވާފަ އެވެ. ސޮއިކުރެވުނު އެއްބަސްވުންތައް ތިރީގައި އެވަނީ އެވެ.

ދެގައުމު ދެމެދުގައި އެއްބަސްވުންތައް ބަދަލު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
1.ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ނިޒާމުން ލިބޭ ޑަބަލް ޓެކްސޭޝަނާ ދުރުހެލިވުން
2.ޓެކުހުގެ މައުލޫމާތު ފޯރުކޮށްދިނުން
3.ދިވެހިރާއްޖޭގެ މިސްކިތްތައް ހިމާޔަތް ކޮށް މަރާމާތު ކުރުމާ ރާއްޖޭގައި ރިސާޗު އަދި ސާވޭ ހެދުމާ ބެހޭގޮތުން ވެވުނު އެއްބަސްވުން
4.ދެކުނު އޭޝިޔާ ސެޓެލައިޓުގެ އޯބިޓް ފުރިކުއަންސީ ކޯޑިނޭޝަންއާ ބެހޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުން.
5.ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުން
6.ޑިފެންސްގެ އެކްޝަން ޕްލޭނާ ބެހޭ ގޮތުން އިންޑިޔާ ސަރުކާރާ ދިވެހިރާއްޖޭގެ ސަރުކާރާ ދެމެދު ވެވޭ އެއްބަސްވުން.
ރައީސްގެ ދަތުރުފުޅުގައި ރަސްމީ ކަމަކަށް އެންމެ ފަހުން އޮތީ އިންޑިއާގެ ރައީސް ޕްރަނާބް މުކަރުޖީ އާއި ރައީސް ޔާމީން ބައްދަލުކުރެއްވުމެވެ. އެބައްދަލު ކުރެއްވުމާއި ގުޅޭގޮތުން ސަރުކާރުން ބުނީ ޑިމޮކްރެޓިކް ގައުމެއްގައި ވަކި މީހަކަށް ނިސްބަތްކޮށްގެން މައްސަލަތަކަށް ހައްލު ހޯދައިގެން ނުވާނެ ކަމަށް އިންޑިއާގެ ރައީސް ޕްރަނާބް މުކަރުޖީ ވިދާޅުވި ކަމަށެވެ.

އިންޑިއާ ރައީސް އާއި ރައީސް ޔާމީން ބައްދަލު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ޔާމީން އެނބުރި ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ ހޯމަ ދުވަހު ރޭ 11:00 ޖަހާކަންހާއިރު އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އަބްދުﷲ ޔާމީން، ފުރަތަމަ ރާއްޖެ އިން ބޭރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ހާއްސަ ކުރެއްވީ 2014 ވަނަ އަހަރުގެ ޖަނަވަރީ މަހު އިންޑިއާ އަށެވެ. ހަމަ އެ އަހަރު މޭމަހު އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާއަށް ދަތުރުފުޅެއް ކުރައްވައިފަ އެވެ. ރައީސް ޔާމީން އިންޑިއާ އަށް މިކުރެއްވި ދަތުރުފުޅަކީ އެމަނިކުފާން އިންޑިއާ އަށް ކުރައްވާ ތިން ވަނަ ރަސްމީ ދަތުރުފުޅެކެވެ.