12 Apr 2016, 23:13
ޏ. ފުވައްމުލަކުގައި ކާރަކާއި ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. ނަމަވެސް ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއްނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 9:15 ހާއިރު ފުވައްމުލަކު ނައިބު ތުއްތު މަގުގައި އެއާޕޯޓު ޓަވަރާ ދިމާއިން ކަމަށެވެ.
ހާދިސާގައި ސައިކަލަށާއި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލޫމާތުލިބެ އެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ފަރުޒާން ވިދާޅުވީ، އެ ހާދިސާގައި 26 އަހަރުގެ ދިވެއްސަކާއި 21 އަހަރުގެ ބަނގުލަދޭޝް މީހަކު ހޮސްޕިޓަލަށް ގެނެވުނު ކަމަށެވެ. އެ ދެމީހުންނަކީ ވެސް އެކްސިޑެންޓުވި ސައިކަލުގައި ތިބި ދެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހޮސްޕިޓަލަށް ގެންދެވުނު ދެ މީހުންނަށް ލިބިފަ ހުރި ކުދިކުދި ޒަހަމްތަކަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން މިހާރު ވަނީ ދޫކޮށްލާފައެވެ.