12 Apr 2016, 22:53
ބްރޯޑްކާސްޓިން ކޮމިޝަން އާއި މީޑިއާ ކައުންސިލް އެއްކޮށްލައި، މީޑިއާ ރެގިއުލޭޓް ކުރުމަށް ވަކި މުއައްސަސާއެއް އެކުލަވާލުމަށް ނިންމަވާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ދި ޓީވީގެ ހަބަރު ތެރެއިން ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ ރާއްޖެ ކަހަލަ ކުޑަ ދައުލަތެއްގައި މީޑިއާ ރެގިއުލޭޓް ކުރުމަށް ދެ މުއައްސަސާ އޮންނަން ޖެހޭ ކަމަށް ސަރުކާރުން ގަބޫލު ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ކުރައްވަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަނީ, މިހާ ކުޑަ ދައުލަތެއްގައި އަގުހެޔޮކޮށް މިކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ޓަކައި އޮންނަން ވާނީ އެއް މުއައްސަސާ ކަމަށް. އެހެންވީމާ އެ ދެ މުވައްސަސާ އެއްކޮށްލުމަށް ޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނައުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ކުރައްވަމުން އެބަ ގެންދަވާ, އަޅުގަނޑުގެ އުއްމީދަކީ ލަސްތަކެއް ނުވެ އެބިލް މަޖިލީހަށް ހުށައެޅިގެންދިއުން. އޭރުން ދިވެހި ރާއްޖޭގައި އޮންނާނީ [މީޑިއާ ރެގިއުލޭޓް ކުުރާ] އެއް މުވައްސަސާ." ހޯމް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
މީޑިއާ ކައުންސިލުން އެކުލަވާލި ޓީމަކުން މިދިޔަ އާދީއްތަ ދުވަހު ވަނީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއާ ބައްދަލުކޮށްފަ އެވެ. ހަވީރު ނޫހުގެ އެޑިޓަރު މޫސާ ލަތީފާއި އެ ނޫހުގެ ސީނިއާ އެސިސްޓެންޓް އެޑިޓަރު އަހުމަދު އަބްދުﷲ ސައީދާއި މީޑިއާ ކައުންސިލްގެ ދެ މެމަބަރުން ކަމަށްވާ، މުހައްމަދު އާމިރު އަދި އަހުމަދު ހަމްދޫނުގެ އިތުރަށް ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އޭޖީއާ ބައްދަލުކޮށް، އޭޖީ އަށް ދެންނެވީ މީޑިއާ ރެގިއުލޭޓް ކުރުމަށް، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމަށް ފަހު، މިނިވަން އެއް ބޮޑީ އޮތުމުގެ މުހިންމު ކަމުގެ މައްޗަށެވެ. އަދި އެ ބޮޑީއަކީ މީޑިއާ މީހުންގެ މެޖޯރިޓީ އޮންނަ، މީޑިއާގެ މީހުންގެ ބައި މީޑިއާތަކުން އިންތިހާބު ކުރެވޭ ބަޔަކަށް ވާންޖެހޭނެ ކަމަށް ވެސް އެ ޓީމުން އޭޖީ އަށް ދެންނެވި އެވެ.
އޭޖީ ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ވެސް އެއީ ކަމަށާއި އެކަމަށް އަމަލީ ސިފަ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ އެ ކޮމިޝަނަކީ ފަސް މެމްބަރުންގެ ކޮމިޝަނަކަށް ހެއްދެވުން ކަމަށާއި ކޮމިޝަނުގައި މީޑިއާތަކުން ތިން މީހުން އަދި ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ދެ ބޭފުޅަކު ތިބޭ ގޮތަށް ކޮމިޝަން ބައްޓަން ކުރެއްވުން ކަމަށެވެ.
އަބުރުގެ ބިލާ ގުޅޭ ގޮތުން މީޑިއާގެ މީހުން މަގުތައްމައްޗަށް ނުކުމެ އަޑުއުފުލި އެއްކަމަކީ ވެސް މީޑިއާ ރެގިއުލޭޓް ކުރުމަށް މިނިވަން ބޮޑީއެއް އޮންނަން ޖެހޭ ކަމުގެ މައްޗަށެވެ.