13 Apr 2016, 00:03
ނިއުރޭޑިއަންޓް އަތުން މިއަދު ލިބުނު ތިން ޕޮއިންޓަކީ އޭއެފްސީ ކަޕްގައި އިތުރަށް ކުރިއަށް ދިއުމަށް މުހިންމު ތިން ޕޮއިންޓް ކަމަށް ހޮންކޮންގްގެ ކިޗީ އެފްސީގެ ކޯޗު ޗު ޗީ ޗުވޯންގް ބުނެފިއެވެ.
ރަސްމީ ބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗު ކިޗީ އެފްސީން ކާމިޔާބް ކުރީ ފުރަތަމަ ހާފްގައި އެ ޓީމުގެ ސްޕެއިން ފޯވާޑް ރަފީނޯ ކާމިޔާބް ކޮށްދިން ދެ ގޯލާ އެކު އެވެ.
އެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޖުމްލަ ހަތް ޕޮއިންޓް ލިބިގެން ކިޗީ އޮތީ ގުރޫޕް އެފްގެ ދެ ވަނައިގައެވެ. މިއަދުގެ މެޗުން ބަލިވި ނިއު އޮތީ ދެ ޕޮއިންޓާ އެކު ގުރޫޕްގެ ފުލުގައެވެ. އެއްވަނައިގައި އޮތް ކަޔާ އެފްސީ އަށް ލިބެނީ ނުވަ ޕޮއިންޓެވެ.
"މިއަދުގެ މެޗު ފެށިގެން ވެސް ރަނގަޅަށް ކުޅުނީ އަހަރެމެންގެ ޓީމް. ގިނަ ފުރުސަތުތަކެއް ހޯދައި މޮޅަށް ކުޅުނު. އެހެންކަމުން މި ލިބުނީ ހައްގު ތިން ޕޮއުންޓް،" ޗުވޯންގް ބުންޏެވެ.
އޭނާ ބުނީ މިއަދުގެ މެޗު ފެށި އިރު ކުޑަކޮށް ވާރޭ ވެހުނު ނަމަވެސް ކިޗީ އެފްސީ އަށް ހޫނޫގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވި ކަމަށާއި އެކަމުގެ ސަބަބުން އެންމެ އެކަށީގެންވާ ރަނގަޅު ކުޅުން ދައްކަން ދަތިތަކަކާ ކުރިމަތިވި ކަމަށެވެ.
ޗުވޯންގް އެހެން ބުނި ނަމަވެސް މިއަދުގެ މެޗު ފެށިގެން ނިމެން ދެން ވެސް އެއްވެސް ވަރަކަށް ދަނޑަށް އަވި ނުދޭކަން ފާހަގަކުރެވެއެވެ. ނަމަވެސް ހޮންކޮންގް އަކީ ފިނަ ގައުމެއް ކަމަށް ވުމުން އެ ޓީމަށް ހޫނުގައި ކުޅުމަކީ އުނދަގޫ ވާނެ ކަމެއް ކަަމަށް މެޗުގެ ކުރިން ވެސް ކޯޗު ވަނީ ފާހަގަ ކޮށްފައެވެ.
އޭއެފްސީ ކަޕްގައި ކިޗީ ދެން ކުޅެންޖެހޭ މެޗުގައި މިމަހުގެ 26 ވަނަ ދުވަހު ނިކުންނާނީ ރަށުން ބޭރުގައި ކަޔާ އެފްސީއާ ދެކޮޅަށެވެ. އެ މެޗު ކާމިޔާބް ކޮށްގެން ކިޗީ އަށް ގުރޫޕް އެފްގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު މިހާރު ވަނީ ތަނަވަސް ވެފައެވެ.