ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ)ގެ ސައުތު އޭޝިއާގެ ރީޖަނަލް އޮފީސް ރާއްޖޭގައި ގާއިމް ކުރުމަށް ނިންމައި، ރާއްޖޭގައި ނޭޝަނަލް އެންޓި ޑޯޕިންގް އެޖެންސީއެއް އުފެއްދުމަށް ނިންމައިފި އެވެ.

ސައުތު އޭޝިއާގެ ރީޖަނަލް އޮފީހެއް ގާއިމު ކުރުމަށާއި، ނޭޝަނަލް އެންޓި ޑޯޕިން އެޖެންޖީއެއް އުފެއްދުމަށް، އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ ޑިރެކްޓާ ޖެނެރަލް ހުސައިން އަލް މުސައްލަމް އާއި ވާޑާގެ ބައެއް މެންބަރުން ވަނީ ދިވެހި ސަރުކާރާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާ މަޝްވަރާކޮށްފަ އެވެ.

ސަރުކާރާއި އެމްއޯސީއާ މަޝްވަރާ ކުރެއްވުމަށްފަހު މިއަދު އެމްއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވާޑާގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ރޮބް ކީލާ ވިދާޅުވީ، ސައުތު އޭޝިއާގެ ރީޖަނަލް އޮފީހެއް ގާއިމު ކުރުމާއި، ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފެއްދުމަށް ސަރުކާރާއި އެމްއޯސީއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

"ދެ ކަމަކާ މެދު މަޝްވަރާކުރެވުނު. އެއީ ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީއެއް ރާއްޖޭގައި އުފައްދާ، ސައުތު އޭޝިއާ އެންޓި ޑޯޕިން އެޖެންސީ ރީޖިނަލް އޮފީސް ރާއްޖޭގައި ގާއިމްކުރުމަށް. ސަރުކާރާއި އެމްއޯސީއާއެކު ވަނީ އެއްބަސްވުމަކާ ހަމައަށް އާދެވިފައި. ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އަކީ މިނިވަން، ސަރުކާރު ނުވަތަ އޮލިމްޕިކް ކޮމިޓީގެ އެއްވެސް ނުފޫޒެއް ނެތި ހިންގޭނެ ތަނަކަށް ހެދުމަށް ހުށަހެޅިން،" އޭނާ ވިދާޅުވި އެވެ.

ރޮބް ވިދާޅުވީ، ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ ހިންގާނީ ޕާޓްނާޝިޕްގެ ދަށުން ސަރުކާރާއި އޮލިމްޕިކް ކޮމިޓީއާ ގުޅިގެން މިނިވަންކަމާއެކު ކަމަށާއި އެ އެޖެންސީއަކީ ރާއްޖޭގެ އެތުލީޓުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވަނީ އެއްވެސް ކަހަލަ މަނާ ބޭހެއް ބޭނުންކޮށްގެންތޯ ބެލުމަށް އުފައްދާ އޭޖެންސީއެއް ކަމަށެވެ.