04 May 2011, 12:31
ބަންދު މީހުން ގޮވައިގެން ކޯޓަށްދިޔަ ފުލުހަކު ޝަރީއަތުގެ މަޖިލީހުގައި އަނބުރައިގަނެގެން ވެއްޓިއްޖެ އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭގައި މިހާރު ކުރިޔަށްދާ މުޒާހަރާތަކާ ގުޅިގެން ބަންދުކޮށްފައިވާ ގިނަ އަދަދެއްގެ މީހުން ގޮވައިގެން ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ރޭ ދިޔަ ފުލުސް މީހާ އަނބުރައިގަނެ، ހެޔަށް ގޮތްވެގެން ވެއްޓުނީ ޝަރީއަތުގެ މަޖިލިސް ހިނގަމުން ދަނިކޮށް އެ މަޖިލީހުގެ ތަޅުން މައްޗަށް ކަމަށެވެ.
އޭނާ ވެއްޓުނީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހަޅަމުން ދަނިކޮށް ކަމަށް ވެސް ކޯޓް އޮފިޝަލު ވިދާޅުވި އެވެ. ފުލުސް މީހާ ވެއްޓުމާ އެކު އެމީހާއަށް ފަސްޓްއެއިޑްގެ ހިދުމަތް ދިނުމަށްފަހު އަނބުރާ ފުލުހުންގެ އިދާރާއަށް ފޮނުވައިލި ކަމަށްވެސް ކޯޓުން ބުންޏެވެ.
ތަކެތީގެ އަގުތައް އުފެލެމުންދާތީ ޒުވާނުން އިސްނަގައިގެން މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ކޮންމެ ރެއަކުވެސް އެތައް ބަޔަކު ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދެ އެވެ. އެގޮތުން މާލެތެރޭގައި ކުރަމުންދާ މުޒާހަރާއާ ގުޅިގެންނާއި ތަފާތު އެކިއެކި ކުށްކުށުގެ ތުހުމަތުގައި ރޭވެސް 90 އަށްވުރެ ގިނަ މީހުން ބަންދުގެ މުއްދަތް އިތުރު ކުރުމަށް ގެންދިޔަ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.