12 Apr 2016, 22:57
ޒުވާނުންނަށް ހާއްސަކޮށްގެން މުނިފޫހިފިލުވުމާއި ކުޅިވަރުގެ ހަބަރާއި މައުލޫމާތު ގެނެސްދިނުމަށް ޔޫތު މިނިސްޓްރީއާއި ޕަބްލިކް ސާވިސް ބްރޯޑްކާސްޓިން (ޕީއެސްއެމް) އާ ގުޅިގެން ތައާރަފްކުރި އާ ޗެނަލް، ޔެސް ޓީވީ އިފްތިތާހްކޮށްފި އެވެ.
އޮލިމްޕަހުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ޔެސް ޓީވީ މިރޭ އިފްތިތާހްކޮށްދެއްވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
ކުޅިވަރަކަށް ހާއްސަކޮށްގެން އާ ގާނޫނެއް ވުޖޫދަށް ގެނެސް އެ ގާނޫނުގެ ތެރެއިން އުފައްދާފައިވާ އެ ޗެނަލް މީޑިއާ ނެޓުގެ 124 އިން އަދި ސެޓަލައިޓާއި އަތޮޅުތެރޭގެ ކޭބަލް ޓީވީގެ ހިދުމަތްދޭ ފަރާތްތައް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފެނިގެންދާނެ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.
ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް މިނިސްޓަރުންނާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ އޮފިޝަލުންނާއި ކުޅިވަރު ކުޅުންތެރިންނާއި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފަ އެވެ.