ރާއްޖޭގެ ފުޓްބޯޅަ އާއި ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ތަފާތު، ސީރިއަސް މިންވަރަކަށް ބޮޑު ކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗު ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ބުނެފިއެވެ.

އޭއެފްސީ ކަޕްގައި މިއަދު ހޮންކޮންގެ ކިޗީ އެފްސީ އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ 2-0ގެ ނަތީޖާއަކުން ނިއު ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން ސްޓައިކޯފް ބުނީ، އެ މެޗުން ފެނިގެން ދިޔައީ އިންޓަނޭޝަނަލް ފުޓްބޯޅަ އާއި ރާއްޖޭގެ ފުޓްބޯޅައިގެ ހުރި ތަފާތު ކަމަށާއި އެ ތަފާތު ސީރިއަސް މިންވަރަކަށް ބޮޑު ކަމަށެވެ.

"މިއަދުގެ މެޗު ފެށިގެން ވެސް މޮޅަށް ކުޅެމުން އައީ އިދިކޮޅު ޓީމް. ނިއު އަށް އެއްވެސް ވަރަކަށް މެޗުގެ ތެރެއަށް ވަދެ، ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވި. ހުރިހާ ވެސް ތައުރީފެއް ހައްގީ ކިޗީ ޓީމަށް،" ސްޓައިކޯފް ބުންޏެވެ.

އޭނާ ބުނީ، ނިއުގެ ފަރާތުން ފެނުނު ކުޅުމާ ދޭތެރޭ ހިތްހަމަ ނުޖެހުނު ނަމަވެސް ޒުވާން ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ ފަރާތުން ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ފެނިގެން ދިޔަ ކަމަށެވެ.

މިއަދުގެ މެޗުން ނިއު ބަލިވެ، ތާވަލުގެ ފުލުގައި ދެ ޕޮއިންޓާއެކު އޮތްއިރު އެ ޓީމަށް ވަނީ ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ. އެއް ވަނައިގައި ކާޔާ އެފްސީ ނަވަ ޕޮއިންޓާއެކު އޮތް އިރު، ދެވަނާގައި ނިއު އަތުން މިއަދު މޮޅުވި ކިޗީ އަށް ލިބެނީ ހަތް ޕޮއިންޓެވެ. ހަތަރު ވަނާގައި ބެލަސްޓިއާ ޚަލްސާ އޮތީ ހަތަރު ޕޮއިންޓް ލިބިގެންނެވެ.

"ނޮކް އައުޓް ސްޓޭޖަށް ދިއުމުގެ ދޮރު ގާތްގަޑަކަށް މި ބަންދު ވީ ދެން. ނަމަވެސް މިއަދުގެ މެޗުން ވެސް ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ލިބިއްޖެ. ކުރިއަށް އޮތް ތިން މެޗަށް ވެސް ނުކުންނާނީ ހަމަ އެ ގޮތަށް. ތަޖުރިބާ ލިބިގެން ކުރިއަށް ދާން ބޭނުމީ،" ސްޓައިކޯފް ބުންޏެވެ.

މިއަދުގެ މެޗުގެ 65 މިނެޓްގައި ނިއުގެ ބިދޭސީ ގޯލު ކީޕަރު ސުލޭމާނާ އަބޫ އަށް ދެއްކި ރަތް ކާޑަކާ ގުޅިގެން މެޗުގެ ބާކީބައި އެ ޓީމުން ފުރިހަމަ ކޮށްފައިވަނީ 10 ކުޅުންތެރުންނާއެކު އެވެ.

"ކީޕަރަށް ދެއްކި ރަތް ކާޑާ ދޭތެރޭ ބުނާނެ އެއްޗެއް ނެތް. އެއީ ހަމަ ސީދާ ރަތްކާޑެއް ދައްކަން ޖެހޭ ފައުލެއް. މިއަދުގެ މެޗުގައި ކީޕަރު ވަނީ ވަރަށް ބޮޑު ގުރުބާނީއެއް ވެފައި،" ސްޓައިކޯފް ބުންޏެވެ.

އޭއެފްސީ ކަޕްގައި ނިއު އަށް ދެން އޮތީ މިމަހު 26 ގައި ރަށުން ބޭރުގައި ބެލަސްޓިއާ އެފްސީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.