04 May 2011, 12:12
ޑޮލަރުގެ އަގު ސަރުކާރުން ބޮޑުކުރުމާއި ތަކެތީގެ އަގު އުފުލުމާ ދެކޮޅު ހެދުމަށް ކަމަށް ބުނެ ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާތަކާއެކު ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ( ޖަންކްޝަން) ސަރަހައްދުގައި ހުރި ފިހާރަތަކުގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ ކަމަށް އެފިހާރަތަކުން ބުނަން ފަށައިފި އެވެ.
ޖަންކްޝަން ސަރަހައްދުގެ ގާތްގަނޑަކަށް ހުރިހާ ފިހާރަތަކަކުން ވެސް ބުނީ އެތަންތަނުގެ ވިޔަފާރި 50 ޕަސެންޓަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
ޗާނދަނީ މަގާއި މަޖީދީމަގު ގުޅޭ ހަތަރުއަނގޮޅީގެ ކަންމަތީގައި ހުރި "ހަގީގީ ސޭލް" ފިހާރައިން ވާހަކަ ދެއްކި ހަސަން ޔަޒީދު ބުނީ އެ ފިހާރައިގެ ވިޔަފާރީގެ 50 ޕަސެންޓަކީ ރޭގަނޑު ކުރާ ވިޔަފާރި ކަމަށާއި މުޒާހަރާތަކާއެކު ވިޔަފާރި ބޮއްސުންލާފައިވާ ކަމަށެވެ.
" އަޅުގަނޑުމެންނަށް ވަރަށް ގެއްލުން. ކޮންމެ ރެއަކު ވެސް މުޒާހަރާ ފެށުމާ އެކު ޖެހެނީ ފިހާރަ ބަންދުކުރަން،" ޔަޒީދު ބުންޏެވެ. އޭނާ އަދި ބުނީ މަހެއްގެ ފެށޭ ހިސާބަކީ ވިޔަފާރި އެންމެ ރަނގަޅުވާ ދުވަސްކޮޅު ކަމަށެވެ.
މުޒާހަރާގައި ބައިވެރިވާ މީހުން އެމީހުން ޖަމާވާ މައިދާނެއްގެ ގޮތުގައި ބަލަމުން އަންނަ މަޖީދީމަގާއި ޗާނދަނީ މަގު ގުޅޭ ސަރަހައްދާ ކުޑަ ތަންކޮޅެއް ދުރުގައި ހުންނަ ޗެކްމާކް ގާމެންޓް ފިހާރައިގެ މެނޭޖަރު އިބްރާހިމް އާދަމް ފުޅު ބުނީ މުޒާހަރާތައް ފެށި ފަހުން އެ ފިހާރައިގެ ވިޔަފާރިވެސް 50 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ.
" މުޒާހަރާ ކުރުމަކީ އަޅުގަނޑުވެސް ތަރުހީބުދޭ ކަމެއް. އެކަމަކު މިގޮތަށް މަގުތައް ބަންދުކޮށްގެން މުޒާހަރާ ކުރުމުން އަޅުގަނޑުމެންގެ ވިޔަފާރިއަށް ދަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބެމުން،" އާދަމް ބުންޏެވެ.
ޗާނދަނީ މަގުގައި ހުރި ހެދުން ވިއްކާ ފިހާރައެއްކަމަށްވާ "ޝައިން ވެއާ" އިން ބުނީ މުޒާހަރާ ކުރުމުގެ ސަބަބުން އެ ފިހާރައިގެ ވިޔަފާރިއަށް އަސަރު ނުކުރާ ކަމަށެވެ. ނަމަވެސް މިހާރު އައިސްގެން އުޅޭ ދަތިކަމުގެ ސަބަބުން ފިހާރައިގެ ވިޔަފާރި ދަށް ގޮސްފައިވާ ކަމަށް އެ ފިހާރައިގެ ސޭޓަކަށް އުޅޭ ނާހިދު ބުންޏެވެ.
އިގުތިސާދީ ދަތިކަމުގެ ސަބަބުން ވިޔަފާރިއަށް ބަދަލު އައި ކަމަށް "ޝައިން ވެއާ" ފިހާރައިން ބުނި ކަމަށް ވިޔަސް މަޖީދީ މަގާއި ޗާނދަނީ މަގު ގުޅޭ ހަތަރުއަނގޮޅި އާއި އެސަރަހައްދާ ކައިރީގައިވާ ގިނަ ފިހާރަތަކުން ބުނީ ޑޮލަރު އަގު ބޮޑު ކުރި ފަހުން ވެސް އެ ފިހާރަތަކުގެ ވިޔަފާރިއަށް އެއްވެސް ބަދަލެއް އައިކަން ފާހަގަ ނުކުރެވޭ ކަމަށެވެ.
" ޑޮލަރު އަގުބޮޑު ކުރި ފަހުން ވެސް ހަމަ ކުރިން މީހުން ވަންނަ ވަރަށް ވަދޭ، އެއްވެސް ތަފާތެއް ފާހަގައެއް ނުކުރެވޭ" ޗެކްމާކްގެ މެނޭޖަރު ބުންޏެވެ.
ގިނަ ފިހާރަތަކުން ބުނީ މުޒާހަރާތަކުގެ ސަބަބުން ވިޔަފާރި ދަށަށް ދިޔަ ކަމަށެވެ. ނަމަވެސް ޑޮލަރު އަގުބޮޑު ވުމާ ގުޅިގެން ވިޔަފާރިއަށް މާބޮޑު ބަދަލެއް ނާންނަ ކަމަށެވެ.