މިދިޔަ މާރިޗު މަހު ރާއްޖެއަށް ތިން ބިލިޔަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްއިން އާންމުކުރި، މިއަހަރުގެ މާރިޗު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މާރިޗު މަހު އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނީ 298 މިލިޔަން ރުފިޔާގެ އާމްދަނީ އެކެވެ. އެހެން ނަމަވެސް މިއަހަރުގެ މާރިޗު މަހު ލިބުނީ އެ އަދަދަށްވުރެ 25 ޕަސަންޓު ދަށް އަދަދެކެވެ. އެއީ 222.7 މިލިޔަން ރުފިޔާ އެވެ.

ނިމިދިޔަ މާރިޗު މަހު އިމްޕޯޓު ކުރެވުނު މުދަލުގެ ކޮސްޓް އިންޝުއަރަންސް ފްރެއިޓަށް ބަލާއިރު އިމްޕޯޓު ވަނީ އޭގެ ކުރީ އަހަރުގެ މާރިޗު މަހާ އަޅައިބަލާއިރު 15 ޕަސަންޓު އިތުރުވެފަ އެވެ. މިދިޔަ މަހު ރާއްޖެއަށް ވަނީ ތިން ބިލިޔަން ރުފިޔާގެ މުދާ އެތެރެ ކޮށްފަ އެވެ.

ރާއްޖެއަށް މިދިޔަ މަހު އެންމެ ގިނައިން އިމްޕޯޓުކުރީ މެޝިނަރީއާއި އިލެކްޓްރޯނިކް މުދަލެވެ. އެތަކެއްޗަށް މިދިޔަ އަހަރުގެ އިމްޕޯޓުގެ 23 ޕަސަންޓު ހިއްސާވާ އިރު، ކާނާގެ ބާވަތްތަކަށް ހިއްސާވަނީ 20 ޕަސަންޓެވެ. އަދި ތެލާއި ހަކަތައިގެ ބާވަތްތައް ހިއްސާ ކުރަނީ 11 ޕަސަންޓެވެ.

ރާއްޖޭގެ އެކްސްޕޯޓަށް ބަލާ އިރު، މިދިޔަ އަހަރު 301.6 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައިވެ އެވެ. އެއީ 2015 ވަނަ އަހަރުގެ މާރިޗު މަހާ އަޅައިބަލާއިރު ތިން ޕަސަންޓުގެ ކުރިއެރުމެކެވެ.

ރާއްޖޭގެ އެކްސްޕޯޓުގައި 59 އިންސައްތަ ހިއްސާ ކުރަނީ ރީނދޫ އުރަހަ ކަންނެލި މަހާއި އެ މަހުގެ ބާވަތްތަކެވެ. މިއީ 103 މިލިޔަން ރުފިޔާގެ މުދަލެވެ. އަދި އެކްސްޕޯޓުގެ 21 އިންސައްތަ ހިއްސާ ކުރަނީ ކަޅުބިލަ މަހާއި އެމަހުގެ ބާވަތްތަކަށެވެ. އެތަކެއްޗަށް މިދިޔަ މަހު 38 މިލިޔަން ރުފިޔާ ލިބިފައި ވެ އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ މުދާ އިމްޕޯޓު ކޮށްފައިވަނީ ޗައިނާ، ސިންގަޕޫރު، އިންޑިއާ، މެލޭޝިއާ އަދި އެކުވެރި އަރަބި އިމާރާތުންނެވެ. އަދި ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލެންޑް، ސްރީލަންކާ، ޖަރުމަނު، ފްރާންސް އަދި އެމެރިކާ އަށެވެ.