12 Apr 2016, 19:49
ޑިމޮކްރެޓިކް ގައުމެއްގައި ވަކި މީހަކަށް ނިސްބަތްކޮށްގެން މައްސަލަތަކަށް ހައްލު ހޯދައިގެން ނުވާނެ ކަމަށް އިންޑިއާގެ ރައީސް ޕްރަނާބް މުކަރުޖީ ވިދާޅުވި ކަމަށް، ސަރުކާރުން ބުނެފި އެވެ.
ރައީސް އަބްދުﷲ ޔާމީނު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ޑިމޮކްރެޓިކް ނިޒާމު ހަރުދަނާ ކުރުމަށް ރާއްޖެއާ އިންޑިއާގެ ހިޔާލު ވަރަށް އެއްގޮތް ކަމަށެވެ.
"އަންޑަސްޓޭންޑިންގ އަކީ އެއްވެސް ގައުމެއްގައި ޑިމޮކްރެޓިކް އިންސްޓިޓިއުޝަންތަކެއް ގާއިމު ކުރެވިގެންދާ ގައުމެއްގައި ވަކި މީހަކަށް ނިސްބަތްކޮށް ސޮލިއުޝަން ހޯދުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަން،" ޝައިނީ ވިދާޅުވި އެވެ.
ޕްރަނާބް މުކަރްޖީ އެހެން ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީނާ އެކު ކުރިއަށް ދިޔަ ބައްދަލުވުމުގަ އެވެ.
އަދި އެއްވެސް ގައުމެއްގައި މިވަގުތު ތިބި މީހުންނަކީ މާދަމާ ތިބޭނެ ބައެއް ނޫންކަމަށް ވާތީ، އިންސްޓިޓިއުޝަންތައް ވަރުގަދަ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ޕްރަނާބް މުކަރުޖީ އެއްބަސްވެވަޑައިގެން ކަމަށްވެސް ޝައިނީ ވިދާޅުވި އެވެ.
"ގައުމުގައި ގަވާއިދު އެންމެންގެ މައްޗަށް ހިނގަން ޖެހޭނެ ކަމަށާއި އިންސްޓިޓިއުޝަންތައް ވަރުގަދަ ކުރީމަ އެއީ ވަކިވަކި މީހުންނަށް ހެދޭ އެއްޗަކަށް ނުވާނެ ކަމަށް ވިދާޅުވި،" ޝައިނީ ވިދާޅުވި އެވެ.
ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖެއާ އިންޑިއާ އާދެމެދު ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފަ އެވެ.