ކަސްރަތު ކުރަން ފެށުމަށް ފަހު ފަލަ މީހުން ދައްކާ އެންމެ އާންމު ބަހަނާ އަކީ ކިތަންމެ ވަރަކަށް ކަސްރަތު ކުރިޔަސް ނުހިކޭ ކަމަށް ބުނެ ދައްކާ ވާހަކަ އެވެ. ގައިގައި ޖަހާފައި ހުރި ލޮކި މަސްތައް ހަރުވެއްޖެ ކަމަށާއި، ދެން ކިތަންމެ މަސައްކަތެއް ކުރިޔަސް މަސްތައް ގުޑާނުލާނެ ކަމަށް ބުނެ ދައްކާ ވާހަކަ ވެސް ވަކި މަދެއް ނޫނެވެ.

ނަމަވެސް އެއީ އަދި އެންމެ ރަނގަޅު ވާހަކަތަކެއް ނޫނެވެ. ލޮކި މަސްތައް ދުއްވާލަން އެކަށީގެންވާ މަސައްކަތް ނުކުރެވެނީ އެވެ. އެ ހިތްވަރު ނުވަތަ އަޒުމް ނެތީ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑަށް ފަލަވެފައިވާ މީހުން ވެސް ހަށިގަނޑު ނިކަން ލޫޅާފަތިކޮށްލާފައި އެބަ ހުއްޓެވެ.

މިފަހަރު މި ބަލައިލަނީ އަޅުގަނޑުމެން ދަންނަ ވަރަށް މަޝްހޫރު ފަރާތްތަކެއް ހިކުނު ގޮތުގެ ވާހަކަ އަށެވެ. މަޝްހޫރުވުމުގެ ކުރިން ފަލަ މީހުން ކަމުގައި ބެލެވުނު ނަމަވެސް، މިހާރު އެއީ ފަލަ މީހުން ކަމުގައި އެއްވެސް ބަޔަކު ނުބުނާނެ އެވެ.

1. އަނަންތު އަމްބާނީ

އަނަންތު އަމްބާނީ ހިކުމުގެ ކުރިން އަދި ފަހުން ---

އަނަންތު އަމްބާނީ އަކީ ޓީވީ ބެލުންތެރިންނަށް މާ ރައްޓެހި މޫނަކަށް ނުވެދާނެ އެވެ. އިންޑިއާގެ ވަރުގަދަ ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީގެ 21 އަހަރުގެ ދަރިފުޅު އަންނަތު އަކީ ކުރިން ވަރަށް ފަލަ ޒުވާނެކެވެ. ނަމަވެސް އޭނާ ވަނީ 18 މަސް ދުވަހުގެ ތެރޭގައި އެތައް ބަޔަކު ހައިރާންކޮށް 108 ކިލޯ ލުއިކޮށްލައިފަ އެވެ. ބަރުދަން އެހާ ބޮޑަށް ލުއިކޮށް، ހިއްކާލުމަށް ކޮންމެ ދުވަހަކު 5-6 ގަޑިއިރު ކަސްރަތު ކުރުމުގެ އިތުރުން، 21 ކިލޯ މީޓަރަށް ހިނގުމާއި ޑައިޓް ކުރުން އަދި ޔޯގާ ވެސް ވަރަށް ވަރުގަދައަށް ޖައްސާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަނަންތުގެ ވާހަކަ އަކީ މިހާރު އިންޑިއާގައި ފަތުއަޑުކިޔާފައި ދައްކަމުން އަންނަ ވާހަކަ އެވެ. އަދި އަނަންތުގެ ކާމިޔާބަށް ސަލްމާން ހާން އަދި މަހިންދްރަ ސިންގް ދޯނީ ވެސް ވަނީ ތައުރީފުކޮށްފަ އެވެ.

2. އަރުޖުން ކަޕޫރް

އަރުޖުން ކަޕޫރު ހިކުމުގެ ކުރިން އަދި ފަހުން

އަރުޖުން އަކީ ހަމަގައިމުވެސް ކިޔުންތެރިންނަށް އާ މޫނަކަށް ނުވާނެ އެވެ. "އިޝަގްޒާދޭ" އިން ބޮލީވުޑަށް ތައާރަފުވެ، މިހާރު ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އަރުޖުން ކަޕޫރަކީ ވެސް ކުރިން ވަރަށް ފަލަ މީހެކެވެ. ކާމިޔާބު ޑައިރެކްޓަރު ބޯނީ ކަޕޫރުގެ ދަރިފުޅު ކަމުގައި ވީނަމަވެސް، އޭނާގެ ހަށިގަނޑުގެ ސަބަބުން ބޮލީވުޑަށް ނުކުތުމަކީ އޭނާ އަށް ވަރަށް އުނދަގޫވި ކަމެކެވެ. އަރުޖުންގެ ބަރުދަނުގައި ކުރިން 140 ކިލޯ ހުރި ކަމަށްވެ އެވެ. ނަމަވެސް ބޮލީވުޑަށް ނުކުތުމަށް އޭނާ ވަނީ 50 ކިލޯ ލުއިކޮށްފަ އެވެ. އަދި މިހާރު އޭނާގެ ހަށިގަނޑުގެ ސަބަބުން އޭނާ އަށް ވަރަށް ބޮޑު "ކޮންފިޑެންސް" އެއް ލިއްބައިދޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

3. އާލިއާ ބަޓް

އާލިއާ ހިކުމުގެ ކުރިން އަދި ފަހުން --

'ސްޓުޑެންޓް އޮފް ދަ އިޔާ' އިން ބެލުންތެރިންނަށް ފެނިގެން ދިޔަ "ޝަނާޔާ" އަކީ އެތައް ފިރިހެން ކުދިންނެއްގެ ހިތް ފަތަހަކޮށްފައިވާ ތަރިއެކެވެ. އާލިއާ ބަޓް އަކީ މިހާރު ވަރަށް ލޫޅާފަތިކޮށް ހުރި ޒުވާނެއް ނަމަވެސް، ސްޓުޑެންޓް އޮފް ދަ އިޔާ އިން އޭނާ އަށް ފުރުސަތު ލިބުނީ ވަރަށް ގިނަ މަސައްކަތަކެއް ކޮށްގެންނެވެ. އޭނާގެ ބައްޕަ، އަދި ޑައިރެކްޓަރު މަހޭޝް ބަޓްގެ އިރުޝާދުގެ ދަށުން އާލިއާ ވަނީ 16 ކިލޯ ލުއިކޮށްލައިފަ އެވެ.

4. ސޯނަމް ކަޕޫރު

ސޯނަމް ހިކުމުގެ ކުރިން އަދި ފަހުން --

"ސާވަރިޔާ" އިން ފިލްމީ ދުނިޔެއަށް ނުކުތް ސޯނަމް ކަޕޫރު އަކީ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ބޮލީވުޑުގެ "ޑީވާ" އެވެ. އެހާމެ ފިޓު، ދިގު ހަށިގަނޑެއްގެ އިތުރުން އޭނާގެ ހަންގަނޑަކީ ވެސް އެތައް ބަޔަކު ތައުރީފު އޮއްސާ ސިފަތަކެވެ. ނަމަވެސް ސޯނަމް އަކީ ކުރިން ބަރުދަނުގައި 90 ކިލޯ އަށް ވުރެ އިތުރަށް ހުރި ތަރިއެކެވެ. އޭގެ އިތުރުން ފަލަވެ، ކެއުމުގައި އެކަށީގެންވާ ސަމާލުކަމެއް ނުދިނުމުން ހަންގަނޑަށް ވެސް ބޮޑެތި މައްސަލަތަކެއް ދިމާވި އެވެ. ނަމަވެސް ބޮލީވުޑަށް ނުކުތުމަށް ޓަކައި ސޯނަމް ވަނީ 30 ކިލޯ ލުއިކޮށްފަ އެވެ.

5. ސޮނާކްޝީ ސިންހާ

ސޮނާކްޝީ ހިކުމުގެ ކުރިން އަދި ފަހުން --

ސޯނަމް ކަޕޫރު ފަދައިން ސޮނާކްޝީ އަކީ ވެސް ބަރުދަން 90 ކިލޯއަށް ވުރެ މަތީގައި ހުރި މީހެކެވެ. ނަމަވެސް ސަލްމާން ހާންގެ "ދަބާންގް" އަށް އޭނާ ވަނީ 30 ކިލޯ ދުއްވާލާފަ އެވެ. ކުރިން ފަލަ މީހެއް ކަމުގައި ބުނި ނަމަވެސް، ސޮނާކްޝީ އަކީ މިހާރު ބޮލީވުޑުގައި ހުރި އެންމެ ފިޓް އެއް ތަރި ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

6. ޕަރިނީތީ ޗޯޕްރާ

ޕަރިނީތީ ހިކުމުގެ ކުރިން އަދި ފަހުން --

ޕަރިނީތީ ޗޯޕްރާގެ އިންސްޓަގްރާމްގައި އޭނާގެ ފޮޓޯއެއް ޕޯސްޓް ކޮށްފިނަމަ، އެންމެ ގިނަ ބަޔަކު ކުރާ ކޮމެންޓް އަކީ "ބޮޑީ ގޯލްސް" އެވެ. ޕަރިނީތީ އަކީ އެތައް ބަޔަކު ބޭނުންވާ "ޕާރފެކްޓް ބޮޑީ" ނަމަވެސް އެއީ ކުރިން ޕަރިނީތީ ހުރި ގޮތެއް ނޫނެވެ. ކުރިން ބަރުދަނުގައި 86 ކިލޯ ހުރި ޕަރިނީތީ މިހާރު ވަނީ ވަރަށް ބޮޑަށް ހިއްކާލާފަ އެވެ. ކުރިން އުނަގަނޑުގައި 38 ހުރި ނަމަވެސް، މިހާރު އޭނާގެ އުނަގަނޑުގައި ހުންނަނީ 30 ކަމަށްވެ އެވެ.

7. އަދުނާން ސާމީ

އަދުނާން ސާމީ ހިކުމުގެ ކުރިން އަދި ފަހުން --

ލަވަކިޔުމުގެ ހުނަރުން އެތައް ބައެއްގެ ލޯބި ހޯދި އަދުނާން ސާމީ އަކީ ހިކެން ބޭނުންވާ މީހަކަށް ވަރަށް ބޮޑު އިންސްޕިރޭޝަނަކަށް ވާނެ އެވެ. އަދުނާން ސާމީގެ ނަން އިވުނަސް ސިފަ ވަނީ ވަރަށް ފަލަކޮށް ހުރި މީހެކެވެ. ނަމަވެސް މިހާރު އަދުނާން ސާމީގެ ފޮޓޯއެއް ފެނުމުން ހައިރާންވާހާވެ އެވެ. ސިކުނޑީގައި ހަރުވެފައި ހުރި އަދުނާން ސާމީ އާ، އަސްލު ފޮޓޯ އިން ފެންނަ މީހާ ދިމާނުވާތީ އެވެ. ކުރިން ބަރުދަނުގައި 230 ކިލޯ ހުރި އަދުނާން ސާމީގެ ބަރުދަނުގައި މިހާރު ހުންނަނީ 75 ކިލޯ އެވެ. ފަލަ މީހެއްގެ ގޮތުގައި ލޭބަލް ކުރެވޭ ކުރެވުން ނިމުމަކަށް ގެނައުމަށް ވަރުގަދަ ޑައެޓަކާ އެކު ކުރި ބުރަ މަސައްކަތުން މިހާރު އެއީ ހަމަ ފިޓު މީހެކެވެ.

ތެދެކެވެ. ހިކުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހާއްސަކޮށް އެހާ ބޮޑަށް ފަލަވެއްޖެ ނަމަ، ހިކުމަށް ކުރަންޖެހޭ މަސައްކަތް އެތައް ގުނައެއް އިތުރުވެ އެވެ. ނަމަވެސް ކޮންމެ ކަމަކަށް ވެސް ބޭނުންވަނީ އަޒުމެކެވެ.