12 Apr 2016, 16:39
'އާޝިގީ' ސީރީޒްގެ ފިލްމުތަކަކީ އިންޑިއާގެ އިތުރުން، ބޮލީވުޑަށް ލޯބިކުރާ އެތައް ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަފައިވާ ފިލްމު ތަކެކެވެ.
ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރު ރާހުލް ރޯއި އަދި އަނޫ އަގަރްވާލް އެކުގައި ފެނިގެން ދިޔަ "އާޝިގީ" އަކީ އެ އަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމެވެ.

އާޝިގީ ގެ މަންޒަރެއްގައި ރާހުލް އަދި އަނޫ
ފިލްމުގެ ދެވަނަ ބައެއް ސިނަމާތަކަށް އައީ އޭގެ 23 އަހަރު ފަހުން 2013 ވަނަ އަހަރު އެވެ. އަދިތްޔާ ރޯއި ކަޕޫރު އަދި ޝްރައްދާ ކަޕޫރު ފެނިގެންދިޔަ "އާޝިގީ 2" އަށްވެސް ބޮކްސް އޮފީހުގައި ވަނީ ބޮޑު ކާމިޔާބެއް ލިބިފަ އެވެ.
ދެން މިއޮތީ އާޝިގީ ގެ ތިން ވަނަ ބައެއްގެ ވާހަކަ އެވެ. ފިލްމުގެ ތިންވަނަ ބައެއް އަންނާނެކަން ކުރިން ހާމަކޮށްފައި ވީނަމަވެސް، ފިލްމުން ފެނިގެންދާނެ ތަރިން އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.

'އާޝިގީ 2' ގެ މަންޒަރެއްގައި ޝްރައްދާ އަދި އަދިއްތުޔާ
ކުރިން ބެލެވިފައި އޮތީ އެ ފިލްމުން ސޯނަމް ކަޕޫރު އަދި ރިތިކް ރޯޝަން ފެނިގެންދާނެ ކަމަށެވެ. ނަމަވެސް މިހާރު މިވަނީ ފިލްމުގެ ލީޑުން ފެނިގެންދާނެ ތަރިން ނިންމައިފަ އެވެ.
އެގޮތުން އެ ފިލްމަށް ބޮލީވުޑުގައި މިވަގުތު އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ދެ ތަރިން ކަމުގައިވާ ސިދާރްތު މަލޯތުރާ އަދި އާލިއާ ބަޓް ވަނީ ހަމަޖައްސާފަ އެވެ. އެ ދެ ތަރިންނަށް ފިލްމުގެ ލީޑު ރޯލު ހުށަހެޅިކަން ފިލްމުގެ ޕްރޮޑިއުސަރު އަދި އާލިއާގެ ބައްޕަ މަހޭޝް ބަޓް ވެސް ވަނީ ބުނެފަ އެވެ.
ކަރަން ޖޯހަރުގެ 'ސްޓުޑެންޓް އޮފް ދަ އިޔަރ' އިން ބޮލީވުޑަށް ތައާރަފުވި ދެ ތަރިން 'އާޝިގީ 3' އިން އެކުގައި ފެނިގެންދާނެކަން ހާމަކުރީ ސިދާރްތު އެވެ.

އާލިއާ އަދި ސިދާރްތު. 'އާޝިގީ 3' ގައި ލީޑު ރޯލުން ފެނިގެންދާނެ
ސިދާރްތު ބުނީ ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު ފިލްމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
"އާޝިގީ 2 އަށް، އަދި ފިލްމުގެ ލަވަތަކަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ. އަހަރެން އުންމީދު ކުރަނީ ކުރިއަށް އޮތް ފިލްމަށް އެއަށްވުރެ ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް،" ސިދާރްތު ބުނެފައިވެ އެވެ.
އެއީ ސިދާރްތު އަދި އާލިއާ އެކުގައި ފެނިގެންދާނެ ތިން ވަނަ ފިލްމެވެ. އެންމެ ފަހުން ނުކުތް ކާމިޔާބު ފިލްމު 'ކަޕޫރު އެންޑް ސަންސް' ގައިވެސް ދެ ތަރިން ވަނީ އެކުގައި ފެނިގެން ގޮސްފަ އެވެ.