ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުއްޓައި ހ. ހަންޑްރެޑް ފްލާވާސް ހުސައިން ރަޒީން (ރަބަރޭ) މަރާލި މައްސަލައިގެ ތުހުމަޔުގައި ރާއްޖެއިން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ވިދާޅުވީ ރަބަރޭގެ މަރުގެ މައްސަލައާ ގުޅިގެން މިއަދު މެންދުރެއްހާއިރު މީހަކު ހައްޔަރުކޮށްފައިވަނީ ދިވެހި ފުލުހުން ރާއްޖޭގައި ކުރަމުންދާ ތަހުގީގަށް ލިބިފައިވާ ހެއްކާއި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

"ޙުސައިން ރަޒީން މަރާލުމުގައި ބައިވެރިވި މީހުންގެ ތެރެއިން ރާއްޖޭގަ މިވަގުތު ތިބި މީހުންގެ ބައި، ލަންކާ ފުލުހުންނާ ގުޅިގެން މިދަނީ ތަހުގީގު ކުރަމުން،" ރިޔާޒު ވިދާޅުވިއެވެ.

އެ މައްސަލައިގެ ތަހުގިގަށް ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ގޮސް ސްރީލަންކާގެ ފުލުހުންނާއެކު ވަނީ ހަރަކާތްތެރިވެފައެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ ރަބަރޭ މަރާލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.

ލަންކާ ފުލުހުންނާ ހަވާލާދީ، އެގައުމުގެ އޮންލައިން ނޫހެއް ކަމަށްވާ 'ސަންޑޭޓައިމްސް'ގައި ބުނެފައި ވަނީ، މި މަހުގެ ފަސްވަނަ ދުވަހު ޕިލިއަންދަލާގެ ތަމްބޯވިލާ ބްރިޖް ކައިރީގައިވާ ދަނޑެއްގެ ތެރެއަށް މަރާލުމަށްފަހު އެއްލާލާފައި އޮއްވައި ފެނުނު ހުސައިން ރަޒީންގެ މަރާގުޅިގެން ހައްޔަރުކޮށްފައިވާ އޭނާގެ ގާތް ރަހްމަތްތެރިއެއް ކަމަށްވާ ބިލާލް ނަމަކަށް ކިޔާ ދިވެއްސެއްގެ ފަރާތުން އެނގު ގޮތުގައި، ރަޒީން މަރާލުމަށް ދިވެހި ވިޔަފާރިވެރިއަކު އޭނާއަށް 14 މިލިއަން ރުޕީސް ވަނީ ހުށަހަޅާފައި ކަމަށެވެ.

ރަޒީން މަރާލުމުގެ ކުރިން އޭނާ ދަތުރުކުރި ކުލީ ވޭނަކާއި، އަދި އޭނާއަށްހަމަލާދިން ވަގުތު ބިލާލު ލައިގެން ހުރި ހެދުމާއި އެނޫންވެސް ތަހުގީގަށް ބޭނުންވާ ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށް ލަންކާ ފުލުހުން ބުންޏެވެ.

ލަންކާ ފުލުހުން ބުނެފައި ވަނީ، ރަޒީންގެ މަރާގުޅިގެން ހައްޔަރުކުރި ބިލާލުއާ އިތުރަށް ސުވާލުކުރުމުން އެނގުނު ގޮތުގައި، އެ ވިޔަފާރިވެރިޔާ (ކާކުކަން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވޭ) ރަޒީން މަރާލަން ބޭނުންވީ، ރަޒީން އެވިޔަފާރިވެރިޔާގެ ކޮއްކޮ އަކު މަރާލާފައި ވާތީއެވެ. އަދި ރަޒީން މަރާލަން އެންމެ ފުރަތަމަ މަސައްކަތްކުރީ ވިޔަފާރިވެރިޔާ އަމިއްލައަށް ކަމަށާއި އެކަން ކާމިޔާބު ނުވުމުން ފައިސާދީގެން އެކަންކުރާން އޭނާ ނިންމީ ކަމަށެވެ.

"ހަމަ އެރޭ [ރަޒީން މަރާލި ދުވަހުގެ ރޭ] އެ ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް އަހަރެމެން ޗެކްކުރިއިރު، އެ ސަރަހައްދުން ޝައްކުކުރެވޭ ގޮތަކަށް ދުއްވި ވޭނެއް ފެނުނު. އެހެން ނަމަވެސް ފޫޓޭޖުން ވޭންގެ ނަންބަރު އެނގޭގޮތެއް ނުވި،" ރަބަރޭގެ މަރުގެ މައްސަލަ ތަހުގީގުކުރާ ލަންކާގެ ފުލުހުންގެ ސަބް އިންސްޕެކްޓަރު ދުމިންދާ ކުމަރައާ ހަވާލާދީ ސަންޑޭޓައިމްސްގައި ވެއެވެ.

"ޖެހިގެން އައިދުވަހު، ރަޒީންގެ އާއިލާގެ މެންބަރުން އައިސް މަރުވެފައިވާ ޒުވާނާއަކީ އޭނާގެ ހަށިގަނޑުކަން ޔަގީންކޮށްދިން. ދެން ފޫޓޭޖުން ފެންނަ ވޭނާ ގުޅޭ ގޮތުން އަހަރެމެން އާއިލާމީހުންނާ ސުވާލުކުރިން."

ރަޒީންގެ އާއިލާގެ މީހުންގެ ފަރާތުން އެ ވޭނަކީ، ޓޫރިޒަމް މަސައްކަތްކުރާ ބިލާލު ނަމަކަށް ކިޔާ ރަޒީންގެ ގާތް ރަހްމަތްތެރިއެއްގެ ވޭނެއްކަން އެނގުނު ކަމަށާއި، އަދި ރަޒީން މާރާލާފައި އޮތް ސަރަހައްދުން ފެނުނު އޭނާގެ އަތުކުރި ގަޑިއާއި، އަދި ރަޒީންގެ މޯބައިލް ފޯނުން އޭނާގެ މަރުގެ ތަހުގީގަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބުނުކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ރަޒީންގެ ފޯނަށް އެންމެ ފަހުން ގުޅާފައި ހުރީ ވެރިފަރާތް ނޭނގޭ ނަންބަރަކުން ކަމަށާއި އަދި އޭގެ ކުރިން އެނަންބަރަށް ގުޅާފައި ހުރި ބިލާލުގެ ނަންބަރުން ކަމަށް ވެސް ސަބް އިންސްޕެކްޓަރު ކުމަރަ ވިދާޅުވިއެވެ.

"ބިލާލުއާ ސުވާލުކުރުމުން، ރަޒީން މަރާލުމަށް ބޭނުންކުރި ވަޅި، އޭނާގެ ކާފަ ދިރިއުޅޭ ގެއިން ވަނީ ހޯދިފައި. މީގެ އިތުރުން ބިލާލަށް އެހީތެރިވެދިން ވޭން ޑްރައިވަރު ވަނީ ހައްޔަރުކުރެވިފައި،" ސަބް އިންސްޕެކްޓަރު ކުމަރަ ވިދާޅުވި އެވެ.

ވޭން ތެރޭގައި ބިލާލު ރަޒީން މަރާލުމަށްޓަކައި އޭނާގެ ގަޔަށް އަށްވަރަކަށް ފަހަރު ވަޅިން ހަމަލާދިން ކަމަށާއި، އަދި މަރާލުމަށްފަހު ވޭން ޑްރައިވަރުގެ އެހީގައި އޭނާ ސީޓްދަށަށް ލީކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

"އެމީހުން ވަނީ، ރަޒީން މަރަށް ތެޅިތެޅިއޮއްވައި ފޯނުން އޭނާގެ ފޮޓޯއެއް ނެގުމަށްފަހު އެ ވިޔަފާރިވެރިއާއަށް މެސެޖްކޮށްފައި. އެގޮތުން ވިޔަފާރިވެރިޔާ ވަނީ، 500,000 ރުޕީސް ޓްރާންސްފާ ކުރުމަށް ފަހު، ބާކީ ފައިސާ މަސް ނިމުމުން ފޮނުވާނޭ ކަމަށް ވައުދުވެފައި،" ސަބް އިންސްޕެކްޓަރު ކުމަރަ ވިދާޅުވިއެވެ.